މިސަރުކާރުން ގެއްލިފައިވާ ފައިސާ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ލަންކާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އެފައިސާ ހޯދުމަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަށް އެހީވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމައި އެކަންކުރުމަށް ޗެއާޕާސަން އާ ހަވާލު ކުރައްވައިފައިވާ ކަމަށެވެ.
ޝިފާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އަބަދުވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުވަތަ ހައްގުވާ މިންވަރު ހުރިހާކަމެއްގައި ވެސް ހޯދައި ދެއްވާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން ވެރިކަމަށް ވަޑައިގަންނަވާނީ ވެސް ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯއްދަވައި ދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ބެހޭގޮތުން ޝިފާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮޑުތަފާތަކުން ކަމަށެވެ. ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ދައްކާ ހިސާބަކީ ނުބައިކޮށް ހިސާބު ޖެއްސެވީތީ ނުކުންނަ ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.