ރާއްޖޭގައި އުފެދުނު އެންމެމޮޅު ދުވުންތެރިންގެ ތެރޭގައި ހިމެނޭ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އަދި މިހާރު ދުވުންތެރިން ތައްޔާރުކޮށްދޭ ކޯޗު ނަސީރު އިސްމާއީލަކީ އާދައިގެ މީހެއްނޫނެވެ. އޭނާ ދަންނަ މީހުން އޭނާ ސިފަ ކުރާނީ އަބަދުވެސް "ދުވިދުވި ހުންނަ މީހެއް" ގެ ގޮތުގައެވެ. މިފަހަރު މިއޮތީ ދުވަމުން ގޮސް ނަސީރު މުޅިން އެހެން ހަރުފަތަކަށް އަރަން އަމާޒު ހިފި ވާހަކައެވެ.
ނަސީރު ދުވަން އުޅުނު ދުވަސްވަރުގެ ހަނދާންތައް ކުޑަކޮށް ނަމަވެސް އާކޮށްލުމަށް ފަހު އޭނާ މިހާރު އަމާޒު ހިފާފައި އެހުރި ބޮޑު ކަންތަކުގެ ވާހަކައަށް ޖެހިލަމާ ހެއްޔެވެ. ނަސީރު މިހާރު އަރަން އެއުޅޭ ހަރުފަތަށް އޭނާއަށް އެރިދާނެތޯ ނުވަތަ ނޫންތޯ ހިތުގައި އޮތް ސުވާލަށް އޭރުން އޮންނާނީ ސާފު ޖަވާބެއް ލިބިފައެވެ. ނަސީރު ބުނަނީ ކޮންމެވެސް ދުވަހަކުން އޭނާ އަރަން އެއުޅޭ ހަރުފަތް މައްޗަށް ދިވެހި ދިދައާއެކު އަރައި ހަމަޖެހިލުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ގއ. ކަނޑުހުޅުދޫއަށް އުފަން ނަސީރު އެންމެ ފުރަތަމަ ދުވާ ޓްރެކަށް ނުކުތީ އަޙްމަދިއްޔާ ސްކޫލްގައި ތައުލީމް ޙާސިލް ކުރަން އުޅުނުއިރު 1991 ވަނަ އަހަރުއެވެ. އަޙްމަދިއްޔާ ތަމްސީލު ކުރާ ދުވުންތެރިޔެއްގެ ގޮތުގައެވެ. އެ ދުވަސްވަރަކީ ހުރިހާ ކުޅިވަރެއްގައިވެސް ސްކޫލް ތަކުގެ މެދުގައި އިންތިހާއަށް ފޯރި ހުރި ދުވަސްވަރެކެވެ. ކުޅިވަރު ކުޅުންތެރިންނަށްވުރެ ވަކި މަޝްހޫރު ދެވަނަ ބަޔަކު ރާއްޖޭގައި ނެތް ފަދަ ދުވަސްވަރެކެވެ. ސްކޫލް ދައުރުގައިވެސް ކުޅިވަރެއްގައި ކުއްޖަކު މާމޮޅުވެއްޖެނަމަ ނޫސްތަކުން އެކުއްޖާ ޖާގަހޯދައި، އާންމުންގެ ލޯތްބާއި ރުހުން ހޯދި ދުވަސްވަރެވެ. ސްކޫލްގައި އުޅުނަސް އެންމެން ދަންނަ މަޝްހޫރު މޫނަކަށް އޭރުވެގެން ދަނީ ހީނުކުރާހާ ފަސޭހައިންނެވެ.
ނަސީރަށްވެސްވީ އެހެންނެވެ. އޭނާ އަޙްމަދިއްޔާ ސްކޫލް ދަރިވަރެއްގެ ގޮތުގައި 1991 ވަނަ އަހަރު ދުވަން ނުކުތުމާއެކު ހުރިހާ މީހުންގެ ލޮލުގައި އަޅައިގަތީއެވެ. ދުވުމުގެ ވައްޓަފާޅި އާއި ނަސީރުގެ ހިތްގައިމު ދުވުންތަކާއެކު ދަރިވަރުންނާއި އާންމުން ދިން ލޯތްބާއި ތާއީދު އަދި ހިތްވަރާއެކު ނަސީރު އެހިސާބުން ނިންމީ އަބަދުވެސް ދުވާށެވެ. ހުއްޓާނުލައި ދުވާށެވެ. ދުވުންތެރިޔަކަށް ވާށެވެ. ސްކޫލް ފެންވަރުގައެވެ. އެއަށް ފަހު ގައުމީ ފެންވަރުގައެވެ. އެއަށް ފަހު ބައިނަލް އަގުވާމީ ފެންވަރުގައެވެ. ސްކޫލް ދައުރުގައި ނަސީރު ވަނީ ދުވުމުގެ އެކި މުބާރާތް ތަކުން ގިނަ މެޑަލްތަކެއް ކަރަށް މަހާލާފައެވެ.
ސްކޫލް ނިންމާލުމަށް ފަހު އޭނާ މަޑުން ހުއްޓަ ނުދިނެވެ. ނަސީރަކަށްވެސް ނުހުރެވުނެވެ. އޭނާގެ ރަސްމީ ވަޒީފާއަކީވެސް ދުވުން ކަމުގައި ހަދައިފިއެވެ. ގައުމީ ފެންވަރުގައި ރާއްޖޭގެ އެންމެމޮޅު ދުވުންތެރިޔާގެ ޝަރަފާއި ފަޚުރު ހޯދުން އޭނާއަށް ފަސޭހަ ކަމަކަށް ވެގެންދިޔައީ އޭނާގެ ހިތުގައި ދުވުމަށް އޮތް ޝައުގުވެރިކަމެވެ. އެއާއެކު ނަސީރު ވަނީ ރާއްޖޭގައި ބޭއްވި ގައުމީ ފެންވަރުގެ ދުވުމުގެ ހުރިހާ މުބާރާތަކުން ރަންމެޑަލް ކަރަށް އަމުނާލާފައެވެ. ގައުމީ ފެންވަރުގައި 200 މީޓަރުން ފެށިގެން 400 މީޓަރު، 800 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10000 މީޓަރުގެ އިތުރުން ހާފްމެރަތަން އަދި މެރަތަން ޗެމްޕިއަންކަން ނަސީރު ހޯދުމަކީ ކުޑަ ފަޚުރެއްނޫނެވެ. އެއީ ދުވުންތެރިޔެއްގެ ހަޔާތުގައި ހޯދަން ފަސޭހަ ކާމިޔާބު ތަކެއްވެސް ނޫނެވެ. މިހުރިހާ ކާމިޔާބުތަކެއް މުށުތެރެއަށް ވަނުމާއެކު ނަސީރު ވެގެން ދިޔައީ ރާއްޖޭގައި އުފެދުނު އެންމެމޮޅު ދުވުންތެރިންގެ ތެރެއިން އެކަކަށެވެ.
ދުވުމުގެ ވާހަކަ ދައްކާ ކޮންމެ ތަނެއްގައި، އަދި ދުވާ މީހުން އުޅޭ ކޮންމެ ތަނެއްގައިވެސް ނަސީރު އިސްމާއީލްގެ ހަނދާންތައް ފުންޏަކަށް ޖަމާ ކުރަން މަޖުބޫރުކުރުވި
ދުވުންތެރިޔަކަށް ނަސީރު ވެގެން ދިޔައިރު އޭނާ ހަމައެކަނި ދުވީ ސްކޫލް ފެންވަރާއި ގައުމީ ފެންވަރަކު ނޫނެވެ. ދުނިޔޭގެ އެތައް ދަނޑަކު ނަސީރު ވަނީ ރާއްޖެ ތަމްސީލު ކޮށްދީފައެވެ. ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެބޮޑެތި ހުރިހާ އެތްލެޓިކްސް މުބާރާތެއްގައި ނަސީރު ދުވެފައިވެއެވެ. އެޓްލާންޓާ އޮލިމްޕިކް ގޭމްސް، ސިޑްނީ އޮލިމްޕިކް ގޭމްސް އަދި ސްޕޭނާއި ކެނެޑާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕާއި، ކޮމަންވެލްތް ގޭމްސްގެ އިތުރުން އޭޝިޔަން ގޭމްސްގައިވެސް އޭނާ ދުވިއެވެ. މީގެއިތުރުންވެސް ބޭރުގައި އޮތް އެތަކެއް މުބާރާތެއްގައި ނަސީރު ވަނީ ދުވެފައެވެ.
ބަޔެއް ދުވުންތެރިންގެ އަމާޒަކަށް ވެފައި އޮންނަނީ ދުވެގެން ރާއްޖޭގެ ގައުމީ ރެކޯޑްތަކެއް މުގުރާލުމެވެ. ނަމަވެސް އެއީ ނަސީރު އެއްވެސް އިރަކު ކުރަން ބޭނުންވި ކަމެއްނޫނެވެ. ރާއްޖޭގެ ފެންވަރުގައި އޭނާގެ އަމާޒަކަށްވީ ގައުމީ ރެކޯޑް ތަކެއް މުގުރުމެއްނޫނެވެ. ޗެމްޕިއަންކަން ހޯދުމެވެ. ގައުމީ ފެންވަރުގެ ޗެމްޕިއަނަކަށްވާށެވެ. އެހެންވެ ގައުމީ ފެންވަރުގައި ނަސީރުގެ އަތުގައި ރެކޯޑުތަކެއް މުގުރި މީހެއްގެ ލަގަބު ނެތަސް އޭނާގެ ހަރުގަނޑުގައި ޗެމްޕިއަންކަން ލިބުނު މެޑަލްތަކާއި ތަށިތައް އެހުރީ ފުރާލާފައެވެ. ރެކޯޑް މުގުރުމަކީ ނަސީރު މާގަޔާވާ ކަމެއްވެސް ނޫނެވެ. އޭނާ ކުރަން އުޅުނު ކަމެއްވެސް ނޫނެވެ.
ނަސީރު ބުނާ ގޮތުގައި އޭނާ ބޭނުންވީ ގައުމީ ފެންވަރުގެ ރަންމެޑަލްތަކާއެކު ބައިނަލް އަގްވާމީ ދަނޑަށް ނުކުމެ އޭނާ ދުވުން ހުއްޓާލުމުގެ ކުރިން ރާއްޖެ ފަޚްރުވެރިވާނެ ފަދަ މެޑައްޔެއް ދިވެހި ފަސްގަނޑަށް އަރުވާށެވެ. ގައުމީ ފެންވަރުގެ ރަންމެޑައްޔެއްވެސް ނުލިބި ރާއްޖޭގެ ރެކޯޑް މުގުރަން ހުންނަ މީހަކަށްވުމަކީ އޭނާއަށް މާބޮޑު ފަޚްރެއްނޫނެވެ.
"ރެކޯޑް މުގުރުން އެއީ ކޮންއެއްޗެއް؟ އެއީ އަހަރެން ސަމާލުކަން ދިންކަމެއްނޫން އެއްއިރަކުވެސް، ރާއްޖޭގެ ހުރިހާ މުބާރާތަކުން ހުރިހާ ކެޓަގަރީއަކުން އަހަރެން އޮންނާނީ ރަންމެޑަލް ހޯދާފައި، އެހެންވީމާ ރާއްޖޭގެ ފެންވަރުގައި އަހަރެން ޙާސިލް ކުރަން ބޭނުންވި ހުރިހާ ކާމިޔާބެއް ދުވުން ހުއްޓާލުމުގެ ކުރިން ލިބުނު، ދެން އަހަރެން ބޭނުންވީ ބައިނަލް އަގްވާމީ ބޮޑު މުބާރާތަކުން ރަންމެޑަލް ގެންނަން،" މިއީ ނަސީރުގެ ވާހަކައެވެ.
ބައިނަލް އަގްވާމީ މުބާރާތަކުން ރަންމެޑަލް ގެންނަ ވާހަކަ ދެއްކީމާ ނަސީރަށް އެދެއްކެނީ ވަރަށް ބޮޑު ވާހަކައެކެވެ. ނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި އެވަރުގެ ޓްރޭނިންގ ތަކެއް ދިވެހި ދުވުންތެރިންނަށްވެސް ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސަރުކާރުން ފަހިކޮށް ދެވިއްޖެނަމަ އެއީ ދިވެހި ދުވުންތެރިންނަށްވެސް ކުރެވިދާނެ ކަމެކެވެ.
ހަމަ ރަނގަޅަށް ދުވެދުވެ ހުރެފައި ނަސީރު 2004 ވަނަ އަހަރު ގައުމީ ފެންވަރުގެ ދުވުންތެރިޔެއްގެ ގޮތުން ރިޓަޔާ ކުރަން ޖެހުނީވެސް އޭނާ ދާންބޭނުންވާ ހިސާބަށް
ގެންގޮސް ދިނުމުގައި އޭރު އެތްލެޓިކްސް އެސޯސިއޭޝަނުން އެކަށީގެން ވާވަރަށް އެއްބާރުލުން ނުދިނުމާއި އެއަހަރު އޭނާ އޮލިމްޕިކް ގޭމްސްއަށް ދިޔުމުގެ ފުރުޞަތު އޭރު ހުރި ކޯޗު ނުދިނުމުން ކުރިމަތިވި ކަންބޮޑުވުންތަކާ ހުރެއެވެ.
"އަހަރެން އޭރު ހުރީ ހަމަ ނުލާހިކު ފިޓުކޮށް، އޮލިމްޕިކް ގޭމްސްއަށް ވަރަށް ރަނގަޅަށް ތައްޔާރުވެސްވިން، އެކަމަކު އެންމެ ފަހު ގަޑީ އަހަރެން ބޭރުކޮށްފި، އެންމެ ފުރަތަމަ އަހަރެން ބޭރުގެ މުބާރާތްތަކުގައި ދުވަން ފެށިއިރު މި ސަރަހައްދުގެ ދުވުންތެރިންނާއެކު އެރިޔަސް ރޭސް ނިމޭއިރު އެންމެ ފުލުގައި އޮންނަނީ އަހަރެން، އެކަމަކު 2004 ގެ އޮލިމްޕިކަށް ދިވެހި ޓީމު ދިޔައިރު މި ސަރަހައްދުގެ ދުވުންތެރިންނާ އެއް ހަމައެއްގައި އޮވެ އަހަރެން ރޭސް ނިންމަން، އެފަހަރު ފުރުޞަތު ނުދިނީމާ އަނެއްކާ ދެތިން އަހަރު ފަހުން ގޮސް އަނެއްކާ ފުލުގައި އޮވެ ރޭސް ނިންމަން ބޭނުންނުވީ، އަހަރެން ބޭނުންނުވީ ނަމަކަށް ދުވަންދާން އޭރު ހުރި ހިސާބުން، ހުރި ހިސާބަށްވުރެ ފަހަތަށްދާން ބޭނުންނުވީ" ރާއްޖޭގައި އެތްލެޓިކްސް ކުރިއަރުވަން މައިޒާން އަލިބެ ކުރެއްވި މަސައްކަތް ފާހަގަކޮށް، ގައުމީ ފެންވަރުގެ ދުވުމަށް އަލްވަދާއު ކިޔަން ޖެހުނު ސަބަބު ނަސީރު ބުންޏެވެ.
ގައުމީ ފެންވަރުގައި ދުވުން ހުއްޓާލުމަށް ފަހު ދެންވެސް އޭނާއަކަށް ދުވާ ޓެރަކުން ބޭރަކަށް ނުދެވުނެވެ. ދުވުމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. އެހެންވެ އޭނާ ދެން ނުކުތީ ދުވުންތެރިންގެ އަތުގައި ހިފައިގެންނެވެ. ޓްރޭނިންގ ދޭށެވެ. ނަސީރަށް ފަހު ރާއްޖޭގައި އުފެދުނު މަޝްހޫރު ކޮންމެ ދުވުންތެރިޔަކަށްވެސް އޭނާގެ އެހީތެރިކަން ވަނީ ދީފައެވެ. ހިތްވަރުވެސް ދެއެވެ. މިހާރުވެސް އޭނާއަކީ ދުވާ މީހުން ތަމްރީނު ކޮށްދިނުމުގައި ހުރިހާ ވަގުތެއް ހުސްކޮށްލައިގެން ހުރި ނަސީރު ކޯޗެވެ.
އަހަރެންނަށް މިހާރުވެސް ނަސީރުގެ ކިބައިން ފާހަގަވާ އެއްކަމެއް ހިއްސާ ކޮށްލާނަމެވެ. ނަސީރާއެކު ދުވަންދާން ވެގެން ގަޑިއެއް ކިޔާށޭ އަހަރެން ބުނީމެވެ. އޭނާގެ ޖަވާބަކީ "ފަތިސް ނަމާދުން ފެށިގެން ރޭގަނޑު ނިދުމާ ހަމައަށް ކޮންމެ ގަޑިއެއް ޖޯރޭ ކިޔަސް އަހަރެން އޯކޭ" ކަމަށެވެ. އަދި "އަހަރެންގެ ޖޮބަކީވެސް މިއީ" ނޫންހެއްޔޭ ބުނެއެވެ.
އަހަރެންވެސް ހަމަ އަޖައިބުވިއެވެ. ނަސީރު އެބުނީ ތެދެކެވެ. އޭނާ ކައިރިއަކު އޭނާއަށް ދުވަން ނުދެވޭނެ ގަޑިއެއް އަހަރެންނަކަށް ނުބުނެވުނެވެ. ނަސީރު ދުވުމަށް އެހުރި ޝައުގުވެރިކަން ފެނިފައި އަހަރެން ހަމަ ހަނދާން ވަނީ ދިވެހި ކުޅިވަރުގެ ބައްޕަ މަރްޙޫމް ޒާހިރު ނަސީރުގެ މަތިންނެވެ. ޒާހިރުވެސް ކުޅިވަރަށް ނުކުންނަވާނީ ފަތިހާ ހަމައިންނެވެ. އަވަހާރަފުޅުލައްޕަވަން އޮށޯންނެވެންދެން ހުންނަވަނީ ކުޅިވަރުގެ ކަމެއްގައެވެ. ފޫހިކަމެއް ނުފެންނާނެއެވެ. ވަރުބަލި ކަމެއް ނުފެންނާނެއެވެ. ޒާހިރު ނަސީރާއެކު ވަރަށް ކައިރިން ވަރަށްގިނަ ދުވަހު އުޅެލުމުގެ ފުރުޞަތު ލިބިފައި އޮތުމުން ޒާހިރު ކިބައިގައި ކުޅިވަރަށް ހުންނެވި ޝައުގާއި ނަސީރު ދުވުމަށް އެހުރި ޝައުގެއްގައި ނިކަން އެއްގޮތް ކަމެއް އެބަހުއްޓެވެ.
ބަޔެއް ފަހަރު ޒާހިރު ނަސީރު އަރިހަށް އަހަރެން ޖައްސާލަން ވެގެން ވަގުތެއް ދެއްވަހަށޭ ދެންނެވީމާ އޮލިމްޕިކް ކޮމިޓީއަށް ޖައްސާލަން ޒާހިރު އަހަރެންނަށް އެންމެގިނައިން ދެއްވާ ގަޑިއަކީ ފަތިހު 5:30 އެވެ. އެގަޑި ދެއްވީމާ އޭރު ގިނަފަހަރު އަހަރެންނަށް ލިބޭނީ ލަނޑެވެ. އެއްފަހަރަކު 5:30 ގަ އަންނަހަށޭ، ބަރާބަރު 5:30 ގަ ތިމަންނާ ހުންނާނީ އޮލިމްޕިކް ކޮމިޓީ ދޮރު މަތީގައޭ "ފަރު ނާންނަނީސް އޮފީހަށްވެސް ނުވަދެ މަޑުކުރާނަމޭ" ޒާހިރު ވިދާޅުވީމާ އަހަރެން ހަމަ ސީދާ 5:30 އަށް ދިޔައިމެވެ. ގޮސް އޮލިމްޕިކް ކޮމިޓީ ދޮރު ބުޑުގައި ހުރެހުރެ ޒާހިރުގެ ޚަބަރެއް ނުވީމާ ގަޑިއަށް ޒާހިރު ނުހުންނެވުމަކީ ލާހިކު ކަމެއްނޫނޭ ހިތައި ފޯނު ކޮށްފީމެވެ. އަހަރެން ގުޅީމާ އެތެރެއިން ފޯނު ރިންގުވާ އަޑުވެސް އިވެއެވެ. ޒާހިރުގެ މޭޒުކޮޅު އޭރު އިންނަނީ ބޭރުން ވަންނަ ދޮރު ކައިރީގައެވެ. ޒާހިރު ފޯނު ނަންގަވައި ހަލޯއޭ ވިދާޅުވުމާއެކު އަޅުގަނޑު މިހުރީ ދޮރުމަތީއޭ ދެންނެވިއިރަށް ވިދާޅުވީ ތިމަންނާ 5:30 އިން ފެށިގެން 5:45 ވަންދެން ދޮރުމަތީ ހުރީމޭ "ފަރު ގަޑިއަށް ނައީމާ އަހަރެން ދޭންއުޅުނު ހަދިޔާ ކެންސަލްވީއޭ" އެވެ. އަހަރެންނަށް ލިބުނު ލަނޑު ރޭކާލީ ޒާހިރު ދެން ވިދާޅުވި ވާހަކަފުޅުންނެވެ. ބަލަ ފަރު ތިޔައައީ 17:30 ގަ ނޫންހެއްޔޭ، އަހަރެން ބުނީ 5:30 އަންނަހަށޭ ނޫންހެއްޔޭ، 5:30 އާ 17:30 އެއީ ދެގަޑިއެކޭ ވިދާޅުވިއެވެ. މިވީގޮތަކީ ޒާހިރު ދޮރުމަތީ 15 މިނިޓު އިންތިޒާރުގައި އެ ހުންނެވީ ފަތިހު 5:30 ގައެވެ. އަހަރެން ގޮސް ދޮރުމަތީ މިހުރީ ހަވީރު 5:30 ގައެވެ. ފަތިހު 5:30 އެއީ ސަރުކާރު އޮފީހަށް މީހަކު ގަޑި ކިޔާނެ އިރެއްކަމެއް ނޭނގޭނެ ނޫންހެއްޔެވެ. އަސްލު ގަޑިއަށް ހާޒިރުވެވަޑައިގަތީ ޒާހިރެވެ. ޒާހިރު ވިދާޅުވީ "ފަރު ތިޔައައީ ގަޑި ޖެހިގެންގޮސް ބަރާބަރު 12 ގަޑިއިރު ފަހުން" ކަމަށެވެ. ޒާހިރު އެވިދާޅުވީ ތެދުފުޅެކެވެ.
"ފަރު" އެއީ ޒާހިރު އަބަދުވެސް އަހަރެންނަށް ވިދާޅުވާ ނަމެވެ. އަހަރެންގެ ނަމުގެ ކުރިޔަށް އޮތްބައި ޒާހިރު ހައްދަވާ ގޮތަކީ ކަނޑާލައްވަނީއެވެ. އާންމުކޮށް މީހުން އަހަންނަށް ކިޔައިއުޅޭ ނަން ކަމަށްވާ "ޖޯރޭ" އެކޭވެސް ޒާހިރު ވިދާޅުނުވާނެއެވެ. ފުރިހަމަ ނަމަކުންވެސް ވިދާޅުނުވާނެއެވެ. އެއީ ޒާހިރާ އަހަރެން ދިމާވާ ކޮންމެ ފަހަރަކުވެސް އެންމެ ފުރަތަމަ ޖައްސަވާލައްވާ ވަރުގަދަ ހިނިފުޅުވަޑުވާލެއްވުމާއެކު ސަމާސާ ކުރެއްވުމުގެ ތެރެއިން އެއްދުވަހަކު ޒާހިރަށް ވިދާޅުވެވުނު ނަމެކެވެ. އޭގެފަހުން އަހަރެންނަށް ދިމާވާއިރަށް ޒާހިރު ވިދާޅުވާނީ މިއޮތީ ފަރަށް އަރައި ހިކިފަ ކަމަށެވެ.
ފަހުން އައިސް އަހަރެންގެ ގަޑި ޖެހުމުގެ މައްސަލައަށް ދުވަހަކުވެސް ޙައްލެއް ނައުމުން ޒާހިރު ހިނިފުޅުވަޑުވާލައްވަމުން "އަހާނ ފަރާ.. ފަރަށް އެރީމާ ގަޑިއެއް ނޯންނާނެ" އޭ ވިދާޅުވެ 15 ވަރަކަށް މިނެޓު ގަޑިން ކައްސާލިޔަސް ޝަކުވާއެއް ނުކުރައްވައި އެކަމެއް ކޮށްދެވުނު އެންމެ ރަނގަޅަށް ކޮށްދެއްވައެވެ. އެއީ ޒާހިރު އާންމުކޮށް ގެންގުޅުއްވާ އުސޫލެއްވެސްނޫނެވެ. ނަސީރު އިސްމާއީލްގެ ކަންތައްވެސް އަހަރެން ގަޑި ކަޓުވާލިޔަސް ހުންނަނީ ހަމަ އެކަހަލަ ގޮތަކަށެވެ. ނަސީބަކުން ޒާހިރު އަރިހުން ލިބުނު ކަހަލަ ގަޑިއޮޅުން ކަހަލަ ލޮޓިއެއް ނަސީރު ކައިރިއަކުން ނުލިބެއެވެ. ގަޑި ކެޓިޔަސް ނަސީރުވެސް މިހާރު ބުނަނީ އާނދެން ޖޯރޭ ނޫންހެއްޔޭ، ލަސްވިޔަސް އޯކޭޔޭ އެވެ. އެ ދެނަމުގައިވެސް "ނަސީރު" އޮތުން އެވެސް އިއްތިފާގެއް ތޯއްޗެކެވެ.
ނަސީރާއެކު ކޮފީއަކަށް އަރަން ގަޑިއެއް ކިޔަސް، ދުވެލަން ދާން ގަޑިއެއް ކިޔަސް ގަޑި ޖެހުނީމަކާ ދެން ސަލާމަތެއް ނުވެއެވެ. އަހަރެންނަކީ ކޮންމެ މީހަކަށް ގަޑިކިޔަސް، ސީދާ ގަޑިއަށްދާން ނިކަން އަޅާލާނުލެވި އާންމުކޮށް ދިހަވަރަކަށް މިނެޓު ފަހުން ދާން އާދަވެފައިވާ މީހަކަށް ވިޔަސް ގަޑި ޖެހުނީމާދެން ނަސީރު ހުރެގެން ގުޅައިނަގާނެއެވެ. ފޯނު ނުނަގައިފިއްޔާ ވައިބަރުންނާއި އެސްއެމްއެސްއިން މެސެޖުކޮށް ނަގާނެއެވެ. އަހަރެން ސީދާ ވަކިގަޑިއަކު ގުޅާނަމޭ ބުނެ އެގަޑިއަށް ނުގުޅައިފިއްޔާ ޒާހިރު ނަސީރު ބައިސްކަލުކޮޅުގައި އެއޮއް ދުރުން ދުއްވާފައި އަހަރެން ހޯދަން އޮފީހަށް ވަޑައިގަންނަވާހެން ނަސީރު އިސްމާއީލް އަހަރެން ހޯދަން ނާންނަކަން ނަސީބެކެވެ.
ނަސީރު ކުރާ މަސައްކަތަށް ތައުރީފު ހަމަ ހައްގެވެ. "ނަސީރު ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި ދުވުންތެރިން ފައްކާ ކުރުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބެން ބޭނުން މީހުންނަށް ދުވުމުގެ ތެރެއިން ކަސްރަތު ހޯދައިދިނުމަށް އޭނާ މިހާރުވެސް އެދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަޑަމީގެ މަސައްކަތް އެންމެ ރަނގަޅަށް ފަށައިގަތް ދުވަސްވަރު ނަސީރަށް ކުރިމަތިވި ކުއްލި ސިއްޙީ މައްސަލައަކާއި ގުޅިގެން އޭނާގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލަން މަޖުބޫރުވިއެވެ. ބަލީގެ ސަބަބުން ޑޮކްޓަރު ދިން ބޭސްތަކެއް ކާންފެށުމާއެކު ދެންވީ ގޮތަކީ އެއޮއް ހިކިކޮށް، ފިޓުކޮށް ހުރި ނަސީރު ހެސްކިޔާފައި ފަލަވެ ފުފެންފެށީއެވެ. ވަރަށް ބޮޑަށް ފަލަވެގެންގޮސް ކުރިން ކިތަންމެ ބާރަށް ދުވިޔަސް ދުއްވައި ނުގަނެވޭހާ ބޮޑަށް ފަލަވެ، ބަނޑެއްވެސް ލައި ދިޔައީއެވެ. ނަމަވެސް ކުއްލިއަކަށް ކުރިމަތިވި ސިއްޙީ މައްސަލަތަކާއި، ދިރިއުޅުމުގައި ކުރިމަތިވި ބޮޑެތި މައްސަލަތަކުން ހިތްވަރާއެކު އަރައިގަނެ ނަސީރު މިހާރު އެދަނީ އޭނަގެ ހަށިގަނޑު ލުއިކޮށް، ކުރިން ހުރިވަރަށް ހިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ. ހިނގުމާއި، ދުވުމާއި ކަސްރަތުންނެވެ. އެ ޙާލަތުން އަރައިގަނެ ނަސީރު ކުރަމުން އެދާ މަސައްކަތަށް ހަމަ ސާބަހެވެ.
ނަސީރުގެ ޙަޔާތަށް އައި ވަރަށްބޮޑު ކަންތައްތަކަށް ފަހު އެހުރިހާ ކަމަކުން އަރައިގަނެ، ދިރިއުޅުން މާލެއިން ހުޅުމާލެއަށް ބަދަލު ކުރަން ޖެހުމާއެކު އަންނަ މަހު ނަސީރު އެކަޑަމީގެ މަސައްކަތް ހުޅުމާލޭގައި ނިކަން ބާރަށް ފަށަން އޭނާ އެހެރަދަނީ ތައްޔާރު ވަމުންނެވެ. ދެކުދިންގެ ބައްޕައެއްގެ ގޮތުގައި ހުރި ނަސީރު، ހުޅުމާލޭގައި އަންނަ މަހު މަސައްކަތް ފަށައިގަންނައިރު ކުޑަކުދިންނާއި ޒުވާނުން، މެދުއުރުމާއި މުސްކުޅިންނަށްވެސް އޭނާގެ އެކަޑަމީން ކޮންމެ ދުވަހަކު ފަތިހު 5:30 ން ފެށިގެން ހުޅުމާލޭ ސެންޓަރަލް ޕާކު ސަރަހައްދުން މަރުޙަބާ ކިޔާނެއެވެ.
ނަސީރު މިހާރު އަރަން ހިފާފައިވާ ހަރުފަތުގެ ވާހަކަ މިހިސާބުން ބުނެލާނަމެވެ. ނަސީރާބެހޭ ގޮތުން ކުރިން މިކިޔައިދިން ހުރިހާ ހާސަރުތަކަށް ބަލާފައިވިޔަސް ނަސީރު ކުރަން އެއުޅޭ ކަންތައް ކުރުމުގެ ހިތްވަރު އޭނާގެ ހުންނާނެތޯ ނުވަތަ ނޫންތޯ އަޅެ ޖަވާބު ދޭށެވެ.
"އަހަރެންގެ މިހާރު އަމާޒަކީ ރާއްޖޭގައި ސްޕޯޓްސް ސްކޫލެއް އުފެއްދުން، އެ ސްކޫލުން އެތްލީޓުން ރަނގަޅު ފެންވަރަށް ޓްރެއިނިންގދީ ބައިނަލް އަގްވާމީ މުބާރާތްތަކުން ރާއްޖެ ފަޚްރުވެރިކޮށްދޭނެ ވަނަތައް ގެންނަވަރުގެ އެތްލީޓުން ދިވެހިރާއްޖޭގައި ބައިތިއްބުން،" ނަސީރު އެބުނީ އޭނާ މިހާރު އަމާޒު ހިފާފައިވާ ބޮޑު ކަންތަކުގެ ވާހަކައެވެ.
މައްސަލައެއް ނެތެވެ. އެކިމީހުން އެކި ޖަވާބެވެ. އަހަރެންގެ ޖަވާބަކީ މިއެވެ. ނަސީރު އެދައްކަނީ ހަގީގަތުގައިވެސް ވަރަށް ބޮޑުސިންގާ ވާހަކައެކެވެ. ރާއްޖޭގައި އަދި ކުރަން އުދަނގޫ ކަމެއްގެ ވާހަކައެކެވެ. ނަތީޖާއަކާ ހަމައަށް ފޯރަން ވަގުތުވެސް ނަގާނެ ވާހަކައެކެވެ. ނަމަވެސް ނަސީރުގެ ކިބައިގައި އެ ހިތްވަރު އެބަހުއްޓެވެ. އެޝައުގުވެރިކަން ފުރިއުތުރި އަރާވަރަށްވެސް އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާއަށް އެކަން ކުރެވިދާނެއެވެ. ނަމަވެސް ކުޅިވަރު ކުޅުމުގެ ރޮނގުންނާއި ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ދިވެހި ސަރުކާރުން ހިތްވަރު ދިނުމުގެ އިނާމު ދީފައިވާ ނަސީރު އިސްމާއީލުގެ ކިބައިގައި އެހުރި ޝައުގުވެރިކަމާއި ހިތްވަރާއެކު އެކަން އެންމެ ފުރިހަމަ ކާމިޔާބަށް ދިޔުމުގައި ބޭނުން ވަނީ ސަރުކާރާއި އިތުރު އަތްތަކެއްގެ ވަރުގަދަ އެހީތެރިކަމެވެ.