ވަކިބަޔަކު ބުނާގޮތަކަށް ކަންކުރާ ބަޔަކަށް ފުލުހުންވާތީ ހިތާމަކުރަން: މާރިޔާ

މާރިޔާ އަހްމަދް ދީދީ ނިއުސް ކޮންފަރެންސްއެއްގައި: ފޮޓޯ ވީ

ފުލުހުން ޕީޕީއެމް ބުނާގޮތަށް ހަދައި ގުޅިފައިވާ ޕާޓީތައް ބުނާގޮތަށް ނުހަދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ އެގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ގާނޫނުއަސާސީން ފުލުހުންނަށް ނެތްކަމަށެވެ.

"ކެންޑިޑޭޓް ޔާމީންގެ ފަރާތަކަށް އަރުވައި ޕީޕީއެމްއިން ބުނާގޮތް ހައްދަވައިފައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނާގޮތް ނުހެއްދެވުން ނުވަތަ އެމީހުންކުރާ ކެންޕޭންތަކަށް ހުރަސް އެޅުއްވުމަށް އޭގެ ވަސީލަތަކަށް ފުލުހުންވާކަމީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އެގޮތަށްނުވެ އެކަން ކުރައްވަންވާނީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ފުލުހުން ނުކުމެ އިދިކޮޅުފަރާތްތަކުގެ ބެނާތަކާއި ދިދަތައް ވެސް ނަގަމުން ގެންދާ ކަމަށެވެ. ފުލުހުން އެގޮތަށް އަމަލުކުރަމުންދަނީ މާލޭގައި ދަމާފައިވާ ޕީޕީއެމްގެ އެފަދަ އެއްޗެއްސަކީ އެޕާޓީން ކުރާކަމެއް ނޫންކަމަށް ބުނެފައިވަނިކޮށް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. ޕީޕީއެމްއިން އެހެން ބުނެފައިވީ ނަމަވެސް އެޕާޓީގެ އެއްޗެއް ނުނަގައި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން މެޓީރިއަލްސް ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހެންވޭރު ދަނޑުގެ ހުރިހާ ތަނެއްގައި އެއޮތީ ޕީޕީއެމްގެ ދިދަތައް ހަރުކޮށްފައި. އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ދިދައެއް ޖަހާލަން އުޅެންވާއިރަށް ތިންމީހުން ހައްޔަރުކޮށް އެގޮތަށް ކަންތައް ކުރައްވަމުން ގެންދަވަނީ. ބޭނުންފުޅުވަނީ ދައްކަވަން ބާރުހުރިކަން ފުލުހުން ބޭނުންކޮށްގެން. އަޅުގަނޑުމެން ކޮންމެ ދުވަހަކު ނަސޭހަތްތެރިވަމުން މިދަނީ ރައީސް ޔާމީނަށް އެހެން ނުހެއްދެވުމަށް،" މާރިޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.