އިބޫއަކީ ތަރައްގީއާ ބީރައްޓެހި ބޭފުޅެއް، މިކުރިއެރުން އިބޫއަށް ހިފަހައްޓާނުލެވޭނެ- ސައީދު

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) އަކީ ތަރައްގީއާ ބީރަށްޓެހި ބޭފުޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އިބޫ ނުކުމެވަޑައިގެން ހުންނެވީ ފަސް އަހަރުގެ ދައުރަކަށް ނޫން ކަމަށާއި އިބޫއަކީ ދޮޅު އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވަން ނުކުމެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވާހަކަ ދެކެވޭތީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ނޫސްވެރިން އިބޫއަށް ކުރުމުން ސާފު ޖަވާބެއް އިބޫ ނުދެއްވި މައްސަލައާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީއާ ބީރަށްޓެހި ބޭފުޅަކަށް އިބޫ ވާއިރު ރާއްޖެ މިހާރު ދެކެމުން އަންނަ ކުރިއެރުން އިބޫއަށް ހިފަހައްޓަވާނުލެއްވޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ އިބޫއަކީ ސަރުކާރެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް (ޒީރޯ އެކްސްޕީރިއެންސް) ބޭފުޅެއް ކަމަށެވެ. އަދި އިބޫ ވެރިކަމަށް ކުރިމަތި ލައްވާފައި ވަނީ ދޮޅު އަހަރަށްތޯ ނުވަތަ ފަސް އަހަރަށްތޯ ކުރިމަތި ކުރަމުން އަންނަ ސުވާލު ތަކަކީ އިބޫއަށް ސާފު ޖަވާބެއް ދެއްވޭނެ ސުވާލު ތަކެއްނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ކޮކްޓެއިލް ޕާޓީ" ގެގޮތުގައި އިދިކޮޅު ކޯލިޝަން ސިފަ ކުރެއްވައި ސައީދު ވަނީ އިބޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައީދުގެ އިތުރުން ސަރުކާރަށް ތާއީދު ކުރައްވާ ބަޔެއް އެހެން ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ އިބޫ ވެރިކަމަށް ކުރިމަތިލެއްވީ 5 އަހަރަށްތޯ ނުވަތަ ދޮޅުއަހަރަށްތޯ ސާފުކޮށް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.