ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން އިބޫ އެ ހުންނެވީ ފޭލިވެފައި: ޖޭޔޫ

ރައީސް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެތިއްބެވީ ފޭލި ވެފައި ކަމަށް ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާލް (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

ޖޭޔޫ ވިދާޅުވީ އެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގައި އެކީގައި މަސައްކަތް ކުރެއްވި ދެބޭފުޅުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ފައިދާހުރި އެއްވެސް ބިލަކަށް އެބޭފުޅުން ވޯޓު ދެއްވައިފައިނުވާ ކަމަށެވެ. އެހެން ކަމުން އެދެބޭފުޅުންވެސް ވަނީ ފޭލިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ފޭލިވެފައިވާ ދެބޭފުޅަކަށް ވޯޓޫ ދީގެން ވެރިކަމަށް ގެނެސްފި ކަމަށްވާނަމަ މިގައުމު ވަރަށްނިކަމެތި ހިސާބަކަށް ގެންދާނެ ކަމަށްވެސް ޖޭޔޫ ވިދާޅުވިއެވެ.

ޖޭޔޫ ވިދާޅުވީ އިބޫއާއި، ފައިސަލް ރަށްރަށަށް ވަޑައިގެން ރާއްޖެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެ ކިތަންމެ ވާހަކަފުޅެއް ދެއްކެވިޔަސް އެ ބޭފުޅުންނަށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާއި އެކަން ކުރައްވާނީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގައި އެތައް އެއާޕޯޓެއް ތަރައްގީކޮށް މައިއެއާޕޯޓު ވެސް ޒަމާނީ ފެންވަރަށް ބަދަލު ކުރަމުން ކަމަށެވެ. އެތަން ތަރައްގީ ކުރައްވަމުން ގެންދަވަނީ ހަތް މިލިއަން ފަތުރުވެރިންނަށް އަމާޒު ކޮށްގެން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖޭޔޫ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވާ ކަން އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން އެނގޭ ކަމަށެވެ. ރައްޔިތުން އެގޮތަށް ބޭނުންވަނީ ރައީސް ޔަމީން ޖުމްލަކޮށް ހުރިހާ ރަށަކަށް ތަރައްގީ ގެނެސް ދެއްވަވާތީ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވީމާ އެއްވެސް އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއް ނުދީ ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވުމަށް ޖޭޔޫ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.