އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ގެ "ތަޅުދަނޑި" ހިފައިގެން ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ފިއްލަވާފައި ކަމަށް ލަފާކުރެވޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އިބޫ ވަނީ އިދިކޮޅު ކޯލިޝަނުގެ ބަޔަކު ކަސްތޮޅު އަޅާފައި ކަމަށާއި އިބޫގެ "ތަޅުދަނޑި" ވަނީ އެހެން ބަޔަކު އަތުކަމަށް ޚަލީލް ވިދާޅުވުމުން އެކަމަށް ސޯޝަލް މީޑިޔާގައި ފާޑުކީ މީހުންގެ ތެރެއިން މީހަކު އިބޫގެ ތަޅުދަނޑި ވަގަށް ނެގީ ކާކުތޯ ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ފޭސްބުކުގައި ވިދާޅުވީ "ވެރިކަމުން އިސްތިއުފާ ދީފައި (ރައީސް ނަޝީދު) ފިލައިގެން ދިޔައިރު އެވެސް ގެންދިޔައީ ކަމަށް ލަފާކުރެވޭ" ކަމަށެވެ.
އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބޫއަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ޚަލީލް މީގެކުރިން ވިދާޅުވެފައި ވަނީ އިބޫއަށް ކޯލިޝަނުގެ ތެރޭގައި މިނިވަންކަމެއް ނެތް ކަމަށާއި އިބޫއަށް ފިޔަވަޅެއް އެޅުއްވެނީވެސް އެހެން ބަޔަކު ބުނާގޮތަށް ކަމަށެވެ. އެނޫން ގޮތަކަށް އިބޫ ފިޔަވަޅެއް އެޅުން މަނާ ކަމަށާއި، އެޅިފައިވާ ކަސްތޮޅުން ނެއްޓި އިބޫވެސް މިނިވަންކަން ދައްކުވަން ޖެހޭނެ ކަމަށެވެ.
އެގޮތުން އިބޫ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައި ވަނީ ފަސް އަހަރުގެ ދައުރަކަށްތޯ ނުވަތަ ދޮޅު އަހަރުގެ ދައުރަކަށްތޯ ސިޔާސީ ޕޯޑިއަމެއްގައި ވިދާޅުވުމަށް ޚަލީލް ވަނީ އިބޫއަށް ގޮވާލައްވާފައެވެ. ޚަލީލް ވިދާޅުވީ ވެރިކަމަށް ގެންނަން ބޭނުން ވަނީ އަމިއްލައަށް ކަންކަން ނިންމޭވަރުގެ ގާބިލު މިނިވަން ބޭފުޅެއް ކަމަށާއި ނަމަވެސް އިބޫ މިހާރު ހުންނެވީ ބަޔަކު ކަސްތޮޅު އަޅައި ބަނދެފައި ކަމަށެވެ.