
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ އިބްރާހިމް މުޙަންމަދު ސޯލިޙްގެ މެނިފެސްޓޯގައި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ބުނެފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅު ތިމަރަފުށްޓަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީންކަމާއި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ލިޔެފައިވާ އެންމެ ލަފުޒެއްވެސް އިދިކޮޅު ކޯލިޝަނުން ރައްޔިތުންނަށް ދައްކާފައިވާ މެނިފެސްޓޯގައި ލިޔެފައި ނެތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯގައި މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށްވެސް ބުނެފައި ނެތް ކަމަށެވެ. މަރުގެ ޙުކުމާއި ގުޅޭގޮތުން ރައީސް ދާދިފަހުން ވިދާޅުވެފައި ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރާނެ ފުރަތަމަ ރައީސަކީ އެމަނިކުފާނު ކަމަށް ވެވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ޗެލެންޖް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ވެރިކަން ދީފިނަމަ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން އެބޭފުޅުން އިސްކަން ނުދެއްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރަންވެސް އިދިކޮޅު ވެރިކަމަކުން އިސްކަން ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.