ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.96 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ޖުލައި މަހު އިމްޕޯޓުކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާގެ މުދަލެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައި ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު ހުސްވި ޖުލައި މަހު %11 އިތުރުވެފައެވެ. މިއަހަރުގެ ޖުލައި މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 282 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2017 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 254 މިލިއަން ރުފިޔާ އެވެ.
ފާއިތުވި ޖުލައި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ޖުލައި މަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ އިތުރުވެފައި ކަމަށްވެސް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު 203 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 263 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ 26 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސި ވިލާތަށް 19 އިން ސައްތަ އަދި ޖަރުމަން ވިލާތަށް 16 އިން ސައްތަ އެކްސްޕޯޓްކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމެރިކާއަށް 9 އިން ސައްތަވަނީ އެކްސްޕޯޓްކުރެވިފައެވެ.