މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބައެއް ގައިދީންގެ އަދަބު ލުއިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒު ކުރެއްވުމުގެ ގޮތުން ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރައްވައިފި ކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނުން ވިދާޅުވެފައިވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައެއް ގައިދީންނަށް ރައީސް އަދަބު ލުއިކޮށް ދެއްވަން ހަމަޖެއްސެވުމުން އެކަން ތަންފީޒު ކުރައްވަން ފަށްޓަވައިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގައިދީން މިހާރުވަނ ގެއަށް ބަދަލުކޮށްފައެވެ. އަދި އިތުރު ގައިދީންނާއި އެމީހުންގެ ބެލެނިވެރިންނާ އިންޓަރވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ. އެމީހުންނާ އިންޓަރވިއު ކުރައްވަނީ ޚާއްސަ ކޮމިޓީއަކުންނެވެ.
މިހާތަނަށް ގެއަށް ބަދަލުކުރެއްވީ ނުވަތަ އަދަބު ލުއިކޮށްދެއްވީ ކިތައް ގައިދީންނަށް ކަމެއް ކަށަވަރެއް ނުވެއެވެ. ކަރެކްޝަނުން ވިދާޅުވީ އިންޓަރވިއުކޮށް ނިމިމުން އެ އަދަދުވެސް ކަށަވަރު ވެގެންދާނެ ކަމަށެވެ.
އަދަބު ލުއިކޮށްދިނުމަށް ރައީސް ކަނޑައަޅުއްވާފައިވާ ގައިދީންގެ ތެރޭގައި ބޮޑެތި ކުށް ކޮށްފައިވާ މީހުން ހިމަނާފައެއް ނުވެއެވެ. އެގޮތުން މީހުންމެރުމާއި، ޓެރަރިޒަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި، މަސްތުވާތަކެތީގެ ވިޔާފާރި ކުރުމާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުން ފަދަ ކުށްކޮށްފައިވާ މީހުންގެ އަދަބު ލުއިކޮށް ދެއްވަން ހަމަޖެހިފައެއް ނުވެއެވެ.