
މިސަރުކާރުން ކުރިއަށް ގެންދާ މެގަމަޝްރޫއަކަށް ވިޔަސް އާދައިގެން މަޝްރޫއަކަށް ވިޔަސް އެއީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދަވާ ސައްހަ މަޝްރޫއުތަކެއް ކަމަށް ވާނަމަ އެއްވެސް މަޝްރޫއެއް އެބޭފުޅުންގެ ވެރިކަމެއްގައި ނުހުއްޓާނެ ކަމަށް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭތް އިބޫ މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދިން "ގެޓް ޓު ނޯ އިބޫ" ޕްރޮގްރާމްގައި މީހަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އަލަށް އަންނަ ސަރުކާރަކުން ކުރިން ވެރިކަންކުރި ސަރުކާރުން ހިންގަން ފަށައިފައިވާ މަޝްރޫއުތައް ހުއްޓައިލަން ޖެހޭނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކެއް އެ މަޝްރޫއެއްގެ އެއްވެސް ހިސާބެއްގައި ހިމެނިފައިވާ ކަމަށްވާނަމައެވެ.
އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ މާލޭހައި މިހާރު އަޅަމުން ގެންދާ 25 ބުރީގެ ދަރުމަވަންތައް ހޮސްޕިޓަލް ވެސް 50 މިލިއަން ޑޮލަރުން ނިމޭނެ ކަމަށެވެ. އެހެންނަމަވެއްސް މިސަރުކާރުން އެކަން ކުރައްވަނީ ސަތޭކައެތައް މިލިއަންޑޮލަރެއް ހޭދަކުރައްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ އެތައްކަމެއް މި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.