އިދިކޮޅުން ބޭނުންނުވިޔަސް ކޮންކްރީޓް ތަރައްގީ އަންނާނެ: ޑރ.ޚަލީލް

އިދިކޮޅު ފަރާތްތަކުން ބޭނުންނުވިޔަސް ރަށްރަށުގެ މަގުތަކަށް ކޮންކްރީޓް ތަރައްގީ މިސަރުކާރުން ގެންނަވާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލް ވިދާޅުވީ ރާއްޖެއަށް ކޮންކްރީޓް ތަރައްގީ ބޭނުންނުވާ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވެސް ވިދާޅުވެފައިވާ ކަމަށެވެ.
"ޖީއެމްއާރަށް އެއާޕޯޓު "ވިއްކާލި" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަންގަނީ ކޮންކްރީޓް ތަރައްގީ ބޭނުމެއްނޫނެ،" ޚަލީލް ވިދާޅުވިއެވެ. މިހާރު އެންމެ ފޯރީގައި ހަދަމުންދަނީ ށ. ފުނަދޫގެ މަގުތަކެވެ. އެރަށުގައި ގާތްގަނޑަކަށް ފަސް މަގެއްގައި ތާރުއެޅުމުގެ މަސައްލަތް މިހާރު އެބަކުރިއަށް ގެންދެއެވެ.

ސަރުކާރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަވަމުންނެވެ. އޭގެ ތެރޭގައި މަގުތައް ހަދައި ތާރު އެޅުމާއި، ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. އޭގެ އިތުރަށް ބިންހިއްކުމާއި، ބަނދަރުތައް ހެދުމާއި ބަނދަރުތައް ބޮޑުކޮށް ދިނުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

މިސަރުކާރުން ވަނީ ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއް ވެސް އަޅައިފައެވެ. އެހެންނަމަވެސް އެއީ ހުރިހާ ގޮތަކަށް ބަލާއިރު ނުކުރެވޭނެ ކަމެއް ކަމަށް އެތައް ބަޔަކު ކުރިން އައީ ބުނަމުންނެވެ. އެހެންނަމަވެސް ރައީސް ޔާމީން އެވަނީ ޗެލެންޖާ ކުރިމަތި ކުރައްވައި އެކަންވެސް ކާމިޔާބު ކުރައްވައިފައެވެ. މިމަސްތެރޭގައި ބްރީޖުހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.