ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ހިސާބުތަކުގައި ބޮޑެތި ފުޓްބޯޅަ ދަނޑުތަކެއް މި ސަރުކާރުން އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާ ޤާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރެއްވި ފުޓްސަލް ދަނޑުތައް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭ ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅިވަރުގެ އިމާރާތްތަކާއި ވަސީލަތްތައް ގާއިމު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. ޚާއްސަކޮށް މި ދާއިރާއަށް ކުރަންހުރި ހޭދަ ބޮޑުކަން ފާހަގަ ކުރައްވައި، އެހެންނަމަވެސް މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، މި ސަރުކާރުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއެކު ހަތަރު ސަތޭކަ އެތައް މިލިއަން ރުފިޔާ ޚަރަދު ކުރެއްވިއްޖެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް ގާއިމު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ފީފާ ގަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީއެއް ގާއިމު ކުރައްވަން ރާއްވަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު ކުޅިވަރުގެ ބޭސްފަރުވާއަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ލިބިދޭ، ކުޅިވަރުގެ އަނިޔާއަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ޒުވާނުންނާއި ކުޅިވަރަށް ގިނަ ހޭދަތަކެއް ކުރެވިގެން މިދަނީ މި ދާއިރާއަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި، ކުރީގެ ސަރުކާރުތަކުން ޒުވާނުންނާއި ކުޅިވަރު ތަރުތީބުކޮށްފައިވަނީ ވަރަށް ފަހަތުން ކަމުގައި ވިދާޅުވެ، މި ސަރުކާރުން ކުޅިވަރުގެ ތަރައްގީއާ ދޭތެރޭ ވަރަށް ސީރިއަސްކަމަށް ވެސް ވިދާޅުވިއެވެ.
މިކަމުގެ ހެޔޮ ނަތީޖާ ދިވެހި މުޖުތަމަޢުން ފެންނަމުންދާކަން ފާހަގަ ކުރައްވައި، ސަރުކާރުން ޒުވާނުން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުރެއްވި މަސައްކަތުން، ކުރީގެ ސަރުކާރުތަކާ އަޅައިބަލާއިރު 100 އަކުން 35 އިންސައްތަ ކުށް މަދުކުރެވިއްޖެކަން، ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ފާހަގަ ކުރެއްވިއެވެ.