ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުރެއްވުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރައްވަމުން ގެންދަވާ އުނދަގޫ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް އިބުރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ގޮއިދުއަށް ވަޑައިގެން އެރަށުގެ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިބޫ ވިދާޅުވީ ގޮއިދޫ ހިމޭނެ ފަޅުގައި އޮތް އަނެއް ދެ ރަށާއެކު އެ ސަރަހައްދަކީ އެއްވެސް ސަރުކާރަކުން އަޅައިނުލައި ދޫކޮށްލައިފައިވާ ތިންރަށް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އެރަށުގެ ބަނދަރު ހައްދަވައި ދެއްވި ކަމަށް ވިދާޅުވިއެވެ. މިފަހަރުވެސް ގުޅިފައިވާ ޕާޓީތަކުން ވެރިކަމަށް ކުރިމަތި ލެއްވީ މުޅިރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ތަސައްވުރަކާގެން ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެރަށާއި އެރަށާ ގުޅިފައިވާ އެހެން ރަށްރަށް ވެސް ތަރައްގީ ނުކުރައްވައި ދޫ ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދަރަންވަންދޫގައި ހަދާފައިވާ އެއާޕޯޓަކީވެސް އެމްޑީޕީގެ ވެރިކަމުގައި ގާއިމްކޮށް ދެއްވާފައިވާ ތަނެއް ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ މައިގަނޑު ކަންކަމަށް ބަލާއިރު މުޅިރާއްޖެ ލާމަރުކަޒު ކޮށްގެން ހިންގެވުމާއި މުޅިރާއްޖެއަށް ގެސްޓް ހައުސްގެ ވިޔަފާރު ފުޅާކުރުން ހިމެނޭ ކަމަށެވެ.
ގޮއިދޫ ހިމެނޭ ސަރަހައްދަކީ ގެސްޓް ހައުސް ވިޔަފާރިއަށް ވަރަށް އެކަށީގެންވާ ސަރަހައްދެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގެސްޓްހައުސް ވިޔަފާރީގައި އެރަށަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެރަށުގެ ބޯފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އެބޭފުޅުންގެ ވެރިކަމެއްގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ބ.އަތޮޅަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ހިމެނޭ އަތޮޅެއް ކަމަށާއި އެތަންތަނުން އާމްދަނީ ހޯދައިހގެން ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރުމަށް ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.