
އެމްއެންޑީއެފުން މިއަދު ބާއްވަން ހަމަޖެއްސި މިނިވަންދުވަހުގެ ޕެރޭޑު ނުވަތަ ޝަރަފުގެ ހިނގާލުން މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޑީއެފުން ވިދާޅުވީ ޕެރޭޑު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ކަމަށެވެ. ޕެރޭޑު ބާއްވާ ތާރީޚަށް ބަދަލު ގެނައީ މިނިވަންދުވަހުގެ ކުޅިވަރުތައް ބާއްވާ ތާވަލަށް ގެންނެވި ބަދަލަކާ ގުޅިގެންނެވެ. ރޭ ބާއްވަން ނިންމާފައިވާ ކުޅިވަރުތައް މިރެއަށް މިހާރުވަނީ ބަދަލުކޮށްފައެވެ.
މިގެންނެވި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަމާ (އާދީއްތަ) އަކީ ސަރުކާރު ބަންދު ދުވަހަކަށް ހަމަޖައްސަވައިފައެވެ. އެގޮތަށް ނިންމެވީ ކުޅިވަރުތަކުގައި ސްކޫލްތަކުގެ ގިނަ ދަރިވަރުންނާއި އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވާނެތީ އެމީހުންނަށް ލުޔެއް ދެއްވުމުގެ ގޮތުންނެވެ.
މިނިވަންދުހުގެ ކުޅިވަރުތަކަށްފަހު ސަރުކާރު ހުޅުވުމަށް މިހާރު ހަމަޖައްސާފައިވަނީ ހޯމަދުވަހުއެވެ.