ދުވަސްވީ ވެރިކަމެއް ބަދަލުކުރުމަށް އެންމެބޮޑު ގެއްލުމެއް ދީފައިވަނީ ދައުލަތަށް: ރައީސް

ރާއްޖޭގައި ގާއިމުވެފައި އޮތް ދުވަސްވީ ވެރިކަމެއް ބަދަލުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ދިވެހި ދައުލަތަށް ކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެ ގެއްލުން ދީފައިވަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް

 ހުރި ދައުލަތުގެ މުއައްސަސާތަކަށް ކަމަށެވެ. ޚާއްސަގޮތެއްގައި ގައުމުގެ ސަލާމަތްކަން ޔަގީންކުރުމުގެ ގާނޫނީ ޒިންމާއާއި، ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއޮތް މުއައްސަސާތަކަށްވަނީ ވަރަށް ފާޅުގައި އަމާޒުކުރެވި ޙަމަލާ ދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. "މި މަސައްކަތްތަކުގެ ތެރެއިން ދިވެހި ދައުލަތްވަނީ ވަރަށް ބޮޑަށް ބަލިކަށިކޮށްފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

"މި އަމާޒުގައި ރާވައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށް އުޅުމަކީ މަދަނީ ޒިންމާއެއް ކަމުގައި ޒަމާނުއްސުރެ އޮތް ވިސްނުން ނެތިކޮށް، ގާނޫނުގެ އިމުން ބޭރުން، އުޅުމަކީ މިނިވަންކަމެއްކަމުގެ ވިސްނުން ވަނީ ޢާންމުކޮށްފައި. ދިވެހިވަންތަ ސިފަތައް ކަމުގައިވާ އަމަންއަމާންކަމާއި ހަމަޖެހުމާއި މަޑުމައިތިރިކަން ދޫކޮށްލައި، އިޖްތިމާއީ އިންތައް މުގުރާލާފައި. ދައުލަތުގެ ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އަގު ރައްޔިތުންގެ ކުރިމަތީ ނައްތާލައި، ފުލުހުންނާއި ސިފައިންނާއި، ފަނޑިޔާރުންނަކީ އިޙްތިރާމެއް ނެތް ބައެއްގެ ގޮތުގައި ދައްކައިދީފައި. އަލިފާން ބޯޅަޔާއި މިރުސްފެން ބޭނުންކޮށްގެން، ސިފައިންނާއި ފުލުހުންނަށް ޙަމަލާދީ ގަޔަށް އަތްލާން ދަސްކޮށްދީފައި. ސާބިތުނުހިފޭ ވާހަކަ ފެތުރުން ޢާންމުކޮށް ފިތުނައާއި، ހަމަނުޖެހުމަށް ހިތްވަރުދީފައި. މިއީ ދުނިޔޭގެ އެއްވެސް ޙަޟާރަތެއްގައި މިނިވަންކަމެއްނޫން. އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް، މިހުންނަނީ ޖިނާޢީ ކުށްތައް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.