
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 5 ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، މިނިވަންދުވަހުގެ މުނާސަބަތުގައި، މި ޖުލައި މަހުގެ 26ވާ ބުރާސްފަތި ދުވަހުގެރޭ 9 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.
މީގެ އިތުރަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 24 ބޭފުޅަކަށް ދެއްވުމަށް ވެސް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވައިފައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ 2 ބޭފުޅުންނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 19 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 3 ބޭފުޅުންނެވެ.
މިއިނާމްތައް ވެސް ދެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ސަރުކާރުން ދެއްވާ ޚާއްސަ ބައެއް މެޑެލް ވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވާނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 7 ބޭފުޅަކަށާއި، 2017 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.