ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް މަޝްރޫއު ފަށްޓަވައި ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް" މަޝްރޫޢު އިފްތިތާހް ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢު އިފްތިތާހްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރަސްފަންނު ސަރަހައްދުގައި މިރޭ ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން އިސްނަންގަވައިގެން މާލެ ސިޓީ ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ދަށުން ފަންސަވީސް ބުރިއާއި އަށާވީސް ބުރީގެ ހަތަރު ޓަވަރެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުއިސައްތަ އަށާވީސް ހޮޓަލް ރޫމްވެސް މި މަޝްރޫގެ ދަށުން ތަރައްޤީކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށްގެންދަވާ ކުންފުނި ކަމުގައިވާ ކޮރަލް ބޮލޮވަރޑްގެ ފަރާތުން ރަމްޒީ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ ދަށުން އަޅާ އެޕާޓްމަންޓްތަކުގެ ނަމޫނާ އެޕާޓްމަންޓެއް ބައްލަވާލައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް މަޝްރޫޢު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.