ރާއްޖޭގައި ނެރޭ ނޫސް، މަޖައްލާ ތަކުގެ އެޑިޓަރުންނަށް ވުމުގެ ޝަރުތަކީ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް އޮތުން ކަމަށް ކުރިން އޮތްބައި އިސްލާޙުކޮށް އާ ގަވައިދު މިއަދަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިސްލާޙު ކުރި ގަވައިދުގައި ބުނެފައިވާ ގޮތުން ނޫސް ތަކުގެ އެޑިޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަކީ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް ޙާސިލް ކޮށްފައިވުން ނުވަތަ ހަތް އަހަރު ދުވަހު އެދާއިރާގައި މަސައްކަތް ކޮށްފައިވުމެވެ. އެހެންކަމުން އަލަށް އަމަލު ކުރަން ފެށި ގަވައިދުގައިވާ ގޮތުން ޑިގްރީއެއް ނެތަސް ހަތް އަހަރު ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހަކަށް ނޫހެއް ނުވަތަ މަޖައްލާއެއްގެ އެޑިޓަރަކަށް ވެވިދާނެއެވެ.
ހޯމް މިނިސްޓްރީން މިގޮތަށް މި ހަމަޖެއްސީ ދާދިފަހުން އެ މިނިސްޓްރީން ނެރުނު ގަވައިދުގައި ނޫސްތަކުގެ އެޑިޓަރަކަށް ވެވޭނެ ހަމައެކަނި ޝަރުތަކީ ޑިގްރީއެއް އޮތުން ކަމަށްވުމުން ނޫސްވެރިންނާއި ނޫސްވެރިކަމާބެހޭ ބަޔެއް މުއައްސަސާތަކުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ހޯމް މިނިސްޓްރީން ވަނީ ނޫސްވެރިންނާވެސް މަޝްވަރާ ކޮށްފައެވެ.
ހޯމް މިނިސްޓްރީން ކުރިން އެ ގަވައިދަށް ބަދަލު ގެނައުމުގެ ކުރިން ނޫހެއްގެ އެޑިޓަރަކަށް ވުމުގެ މައިގަނޑު ޝަރުތެއް ކަމަށް އޮންނަނީ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު އުޅެފައިވުމެވެ.