ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ގޮތުގެ ފްރޭމްވޯކެއް މިއަދު ފާސްކޮށްފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުން މިއަދު ބުނެފައި ވަނީ އެކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ގޮތުގެ އުސޫލުތަކެއް މިއަދު ތައްޔާރު ކުރިނަމަވެސް އަދި ފިޔަވަޅު ނާޅާކަމަށެވެ.
އީޔޫގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުން ބުނީ އީޔޫގެ މި ނިންމުމާއެކުވެސް ރާއްޖޭގެ ޙާލަތު ބަދަލުވެ ސިޔާސީ ގޮތުން ރަނގަޅު ޙައްލެއް ނުހޯދިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އީޔޫއިން ބުނީ އެ ކައުންސިލުން ފިޔަވަޅު އަޅާނީ ވަކިވަކި ފަރުދުންނާއި ބަޔެއް މުއައްސަސާތަކުގެ މައްޗަށް ކަމަށެވެ.
އީޔޫއިން މިއަދު އޮތް ބައްދަލުވުމުގައި ނިންމި ނިންމުމުގައިވެސް ގޮވާލާފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށާއި، އިދިކޮޅު ސިޔާސީ ލީޑަރުންނާއެކު މަޝްވަރާ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.