ހުވަދުއަތޮޅު ދެކުނުބުރީގައި ތަރައްގީ ކުރަމުން ގެންދާ މާވާރުލު އެއާޕޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ގެމަނަފުށީ ދާއިރާގެ ބައެއް ޒުވާނުން އެރަށަށް އާދިއްތަ ދުވަހު ޒިޔާރަތް ކޮށްފިއެވެ.
މިދަތުރުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޖަމީލް އުސްމާނާއި މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދަތުރާ ބެހޭ ގޮތުން ޖަމީލް އުސްމާން ވިދާޅުވީ އެއީ ދާއިރާގެ ޒުވާނުން އެ އެއާޕޯޓުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލާލުމަށް ބޭނުންވެގެން އެދުމުން އެމީހުންނަށް ޚާއްސަކޮށްގެން ކުރި ދަތުރެއް ކަމަށެވެ. "އެދަތުރުގައި އެމީހުން ވަނީ މަސައްކަތްތައް ހިނގަމުންދާގޮތް ބަލައިފައި. އެމްޓީސީސީން ގެންދަވަނީ ވަރަށް ބާރު ސްޕީޑުގައި އެމަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި،" ޖަމީލް ވިދާޅުވިއެވެ.
މިދަތުރުގައި ބައިވެރިވި ބައެއް ޒުވާނުން ބުނެފައިވަނީ މާވާރުލަށް ގޮސް އެއާޕޯޓުގެ މަސައްލަތް ބަލާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އެތަނުގެ މަސައްކަތް ނިމި ޚިދުމަތަށް ނެރުމުން ދަތުރުފަތުރަށް މިހާރަށްވުރެ ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ބައެއްކުދިން ބުންޏެވެ.
ހުވަދުއަތޮޅަކީ ދުނިޔޭގައިވެސް އޮތް އެންމެބޮޑު އަތޮޅު ކަމަށާއި އެހެންކަމުން އެއަތޮޅަށް އިތުރު އެއާޕޯޓު ބޭނުންވާނެ ކަމަށްވެސް ބައެއް ޒުވާނުން ބުންޏެވެ. އެއާޕޯޓުތަކާ އެއްވަރަށް ރިސޯޓުތައްވެސް އެއަތޮޅުގައި އިތުރުކޮށް އިގުތިސާދީ ގޮތުން ވަރުގަދަ ބާރަކަށް އެއަތޮޅުވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބައެއް ޒުވާނުން ބުންޏެވެ.
ހުވަދުއަތޮޅުގައި މިހާރުވެސް ދެ އެއާޕޯޓު އެބައޮތެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި، ކާޑެއްދޫ އެއާޕޯޓެވެ. އޭގެ އިތުރަށް މާވާރުލުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް މިހާރު އެދަނީ ކުރަމުންނެވެ. ވަރަށް އަވަހަށް ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
kaley bunebala me kanduhulhudhoo zuvaanun govaigen kuri dhathurekey kon gemanafushi dhaairaaeh kiyaakah kaleah dhen salaam gemanafushi dhaairaa