އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރައްވާފައިވާ އިއުލާނުގައިވާ ވިދާޅުވެފައިވާ ގޮތުން، މިފުރުސަތު ހުޅުވައިލައްވާފައިވަނީ، މިއަދުން ފެށިގެން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށެވެ.
ކޮމިޝަނަށް މެންބަރަކު އައްޔަން ކުރައްވަނީ ކުރިން އެކޮމިޝަނުގެ މެންބަރަކަށް ހުންނެވި މުހައްމަދު ޝަކީލު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމުގެ ސަބަބުން އޭނާގެ ބަދަލުގައެވެ. ޝަކީލް މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައްވެސް، މިއަދު ގެޒެޓް ކުރެއްވި އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.