އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައި ފިއެވެ.
ޑރ. ޝަހީމް މިކަމަށް އެދިވަޑައިގެން އިބޫއަށް ގޮވައިލެއްވީ ރޭ ޒުވާނުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ޒުވާނަކު ވެސް އަދި އެހެން ބޭފުޅުން ވެސް ކޮންމެ ޕާޓީއެއްގައި ހުންނެވި ކަމަށްވިޔަސް ރައީސް ޔާމީނަށް ވޯޓު ދެއްވުމަށެވެ.
"ސަގާފަތާއި ތަރިކައާއި ދީނާއި އިގްތިސާދާއި އިޖުތިމާއީ ކުރިއެރުމާއި މިހުރިހާ ކަމަކުން އަޅުގަނޑުމެން ކުރިއަރައި ދިޔުމަށް ބޭނުންނަމަ ދިވެހި ވަންތަ ސިވިލައިޒޭޝަނެއް، ޙަޟާރާތެއް މިތާ ގާއިމްކުރަން އެދޭނަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތިޔަހުރިހާ ޒުވާނުންނާއި ތިޔަކުދިންގެ ބެސްޓް ފުރެންޑުންނާއި ރަހުމަތްތެރިންނާއި މައިންބަފައިންނާއި އާއިލާއާއި ހުރިހާ މީހުން ގުޅިގެން ރައީސް ޔާމީނާއި އަޅުގަނޑަށް ވޯޓުދެއްވާށޭ،" ޝަހީމް ވިދާޅުވިއެވެ.
އެ ދެ ބޭފުޅުންގެ އަޒުމަކީ ދިވެހި ގައުމު މުސްތަގިއްލުކަމާއި މިނިވަންކަމާއެކު ކުރިއަށް ގެންގޮސް ދިވެހި ޒުވާނުންނަށާއި އާއިލާތަކަށް ފާހަގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވުން ކަމަށް ޝަހީމް ވިދާޅުވިއެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް މައްސަލައެއްނެތް ކަމަށާއި އެކަމަކު ވޯޓު ދެއްވަންވާނީ ރައީސް ޔާމީނަށް ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު އިބްރާހީމް މުހައްމަދު ސާލިހަށް ވެސް ގޮވާލަނީ ރައީސް ޔާމީނާއި އަޅުގަނޑަށް ވޯޓު ދެއްވާށޭ. ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ގޮވާލަނީ އަޅުގަނދުމެންނަށް ވޯޓު ދެއްވާށޭ،" ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަނަ ކުރައްވަންވީ ކަމަކީ ގައުމު ބިނާ ކުރެއްވުން ކަމަށާއި ވެރިކަން ލިބޭނީ ކާކަށްތޯ ބަލާނީ އެއަށްފަހު ކަމަށެވެ. ޖަޕާނާއި، ޖަރުމަނާއި ސިންގަޕޫރު ފަދަ ގައުމުތައް އެހާބޮޑަށް ކުރިއަރައިފައިވަނީ އެގައުމުތަކުގެ ޒުވާނުންކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލްތަކާއި ތަރައްގީގެ އެފަދަ އެހެން ކަންކަން ކުރަމުންދާ ސަރުކާރު ބަދަލުކޮށްފި ކަމަށްވާނަމަ އެހުރިހާކަމެއް ބަދަލުވެގެންދާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެހެންވީމާ މުސްތަގުބަލުގެ ޖީލުތަކަށް އުފާވެރިކަން ގެނެސް ދެއްވުމަށް ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
kaley moya dho. Thihen ulhuneema agu vetti meehunge kurimathee faleehaivun noon kamah nuvaane. Bohalaaku