ތަރައްގީއަށް ކުރެވޭ މަސައްކަތުގައި އެންމެން ހިފަންޖެހޭނީ އެއްވަލެއްގައި: ރައީސް

ރާއްޖެ ތަރައްގީ ކުރެވޭނީ ކޮންމެ ރަށެއްގައި ހަމަޖެހުން އޮވެގެން ކަމަށާއި، ތަރައްގީއަށް ކުރެވޭ މަސައްކަތުގައި އެންމެން ހިފަންޖެހޭނީ އެއްވަލެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކޮޅުފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވޯޓު ދެއްވަންވާނީ ތަރައްގީގެ މަޝްރޫއުތައް ހުށަހަޅައި އެކަން ކުރައްވާނެގޮތް ބުނެދޭ ވެރިއަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދަވަން ފަސޭހަވަނީ ސަތޭކަޕަސެންޓް  ޕީޕީއެމްގެ ކެބިނެޓެއް އޮތުމުން ކަމަށެވެ. ކެބިނެޓް ބޭފުޅުން އެއްޚިޔާލެއްގައި އެއްފިކުރެއްގައި ތިއްބަވައިގެން އެމަސައްތައްތައް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހިސާބަށް ތަރައްގީ ގެނެސްދީފައިވަނީ ރައްޔިތުންގެ ހަމަޖެހުން ނަގައިލައިގެން ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމަޖެހުން ނަގާލައިގެން  ތަރައްގީ ކުރަން އުޅުމުން ރައްޔިތުންނަށް ލިބިގެންދާނީ ސިހުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އިތުރު ދައުރެއް ސެޕްޓެމްބަރ 23 ގައި ބާއްވާ ވޯޓުގައި އެމަނިކުފާނަށް ދެއްވުމަށް ވެސް އެމަނިކުފާނު މިއަދު އެދިވަޑައިގެންނެވިއެވެ. މިހާރުވެސް މިސަރުކާރުން ވަނީ ބޮލަކަށް ޖެހޭ މިންވަރު ދެގުނަކޮށް ދެއްވައިފައި ކަމަށާއި އެއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއަދަދު އަދިވެސް އިތުރުކޮށް ދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.  އެމަނިކުފާނު ވިދާޅުވީ "ރައްޔިތުންނަށް މަގުދައްކައިގެން ކޮންމެ ސިޔާސީ ޕާޓީއަކުން ދާން ބޭނުންވާ އަމާޒަކީ މުޅި ދައުލަތުގެ މަސްލަހަތާއި މުޅިރާއްޖޭގެ މަސްލަހަތާއި ރާއްޖޭގައި ހަމަޖެހުމާއެކީ ތަރައްގީކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ،" ކަމަށެވެ.  ޕީޕީއެމާއި އެމަނިކުފާނުގެ ފަލްސަފާއަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުން ތަރައްގީއާ ހަމައަށް ވަޑައިގަންނަވަނީ މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސް ދެއްވައިގެން ކަމަށް ވެސް  ވިދާޅުވިއެވެ. "އެނޫން ގޮތަކަށް ތަރައްގީއެއް ނުކުރެވޭނެ" ރައީސް  ވިދާޅުވިއެވެ.

ރަށްރަށަށް ތަރައްގީ ގެނެސްދެއްވުމަށް ކޮންމެ ސަރުކާރަކުން ވެސް އެސަރުކާރެއްގެ ގާބިލްކަން ހުރި މިންވަރަކުން މަސައްކަތް ކުރައްވާނެ ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި ތަރައްގީ ކުރަންޖެހޭ 187 ރަށް އޮވެފައި އެއިން ކޮންމެ ރަށެއް ކަނޑުގެ ރާސްތާއަކުން ވަކިވެފައި އޮތުމުން އެކަމުގެ ދަތިކަން ތަރައްގީ ކުރުމުގައި ވެސް އިހުސާސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންނަމަވެސް އަޅުގަނޑުމެންނަށް ތަރައްގީގެ މަސައްކަތް ކޮންމެ ތަނެއްގައިވެސް ކުރެވޭނީ ރާއްޖޭގައި ހަމަޖެހުން އޮވެގެން. އެހެންވީމާ ސިޔާސީ ހުރިހާ އެންމެވެސް އެބަޖެހޭ ރައްޔިތުންނަށް ވިސްނައިދޭން ހަމަޖެހުމާއެކު ކުރިއަށް ގެންދަން. ކޮންމެ ރައީސަކު ވެސް ކޮންމެ ޕާޓީއަކުން ވެސް ރާއްޖެ ތަރައްގީ ކުރާނީ އަމިއްލަ ވިސްނުންތަކެއް ފިކުރުތަކެއް ހުންނާނެ. އެފިކުރުތައް މިޖެހެނީ ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން. އަދި އެފިކުރުތައް ތިލަކޮށްދީފައި އެކަންކުރާނެ ގޮތްތައް ކިޔައިދޭންވާނެ. އެކަންކުރާނެގޮތް ކިޔައިދިނީމައި ދެން ކަންކަން ނިންމަވާނީ ރައްޔިތުންގެ ވޯޓުން،"  ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.