
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅު މުލި ބިން ހިއްކުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުލީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން އެއަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުންވެސް އެމަނިކުފާނު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލަކަތޮޅު ކޮޅުފުށްޓަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.