
ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް އަބްދުލް އަޒީޒު ބިން ސައުދު ބިން ނާއިފް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީއާއި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިއަދު ސޮއިކުރެއްވި އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" އެވެ.
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ. ސައުދީގެ ފަރާތުން ސޮއި ކުރެއްވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަހުމަދު ބިން އަގީލް އަލް ޚަތީބު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިނިސްޓަރ ނާއިފު ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުން ޖުމްހޫރީ މައިދާނުގައި ވަނީ ބާއްވައިފައެވެ. އެމަނިކުފާނު މާލެ ވަޑައިގެންނެވުމުން ރަސްމީ ފާލަމުން މަރްހަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަހުމަދާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ. މަރްހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ ނާއިފުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮނަރ ގާޑެއް އެރުވިއެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، މިނިސްޓަރ ނާއިފް، ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި އެއަށްފަހު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މިއަދު ފުރާވައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.