ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެންނެވި އިސްލާހު ތަސްދީގު ކުރައްވައިފި

ބޭރު ގައުމެއްގެ ގައުމެއްގެ ރައްޔިތުކަން، ހިމާޔަތް، ނުވަތަ ރައްކާތެރިކަން ދޫކޮށްލާތާ 10 އަހަރުފަހުންނޫނީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާނުކުރެވޭ ގޮތަށް "ރިޔާސީ އިންތިޚާބުގެ ގާނޫނަށް" މަޖިލިހުން ގެންނެވި އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާކަމަށްޓަކައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ރައްޔިތަކަށް ވެފައިވާ ބޭރު ޤައުމުގެ ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުންނެވެ.

މީގެއިތުރުން މިބިލު ތަސްދީގު ކުރެއްވުމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ ޢަދަދަކީ 100،000.00 (އެއްލައްކަ) ރުފިޔާ ކަމުގައި ވެސް މިހާރުވަނީ ހަމަޖެހިގެން ގޮސްފައެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު އަދި 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.