
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ށ. އަތޮޅުގެ 4 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދާދި ދެންމެ މިލަންދުއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު އެރަށަށް ފައިބައި ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންވަނީ އެމަނުކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ވަރަށްހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާރު އެރަށަށް ވަޑައިގެންނެވިއިރު އިސްތިގުބާލުގައި ރަށުގެ ވަރަށްގިނަމީހުން ވަނީ ބަނދަރު ސަރަހައްދަށް ނުކުމެ މަރުހަބާ ދަންނަވައިފައެވެ.
މިދަތުރުފުޅުގައި ރައީސް އިއްޔެވަނީ ކަނޑިތީމާއި، ފުނަދުއާއި، ބިލެއްފައްސަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ހިންގި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަ ކޮށްދެއްވައި ބައެއް މަޝްރޫއުތައް ފަށްޓަވައި ދެއްވައިފައެވެ.
އެމަނިކުފާނު މިހާރު މިލަންދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސް ރަސްމީކޮށް ފަށްޓަވައި ދެއްވާނެއެވެ. މިއީ މިދަތުރުފުޅުގެ އެންމެފަހު މަންޒިލެވެ. ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު އެމަނިކުފާނު މާލެ ވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ހައުސިން މިނިޓަރު ޑރ. މުހައްމަދު މުއިއްޒާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އިބްރާހީމް ތާރިގާއި ޕީޕީއެމްގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.