ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން ނެރުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފްގެ ސުވާލެއް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކަށް ކުރައްވައިފިއެވެ.
ކުރިޔަށް އޮތް އިންތިޚާބުގައި އިދިކޮޅުން ކިތަންމެ ކެންޑިޑޭޓުންނެއް ނެރުނަސް ރައީސް ޔާމީން 52 ޕަސެންޓުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން އިއްޔެ ވިދާޅުވުމާއި ގުޅިގެން ނިހާނަށް ޓެގްކުރައްވައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރު ނިހާން އަރިހުން ތިން ކަމެއް ސާފުކޮށްލަން ބޭނުން ކަމަށެވެ.
އެގޮތުން ނިހާނަށް ޓެގް ކުރައްވައި މަހްލޫފް ފުރަތަމަ ކުރެއްވި ސުވާލަކީ މިހާރު އިއުލާނު ކޮށްފައިވާ ތާރީޚް ކަމަށްވާ ސެޕްޓެމްބަރ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނަންތޯއެވެ. ދެވަނަ ސުވާލަކަށް ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އިބޫގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯއެވެ. ފަހު ސުވާލަކަށް މަހްލޫފް އެއްސެވީ ޤާނޫނު އަސާސީގައި ވާގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓުގެ ނަތީޖާ އިއުލާން ކުރާނަންތޯއެވެ.
މި ސުވާލުތަކާއެކު މަހްލޫފް ވިދާޅުވީ 52 ޕަސެންޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އަވަހަށް އިންތިޚާބު ބާއްވަން ގޮވާލައްވާ ކަމަށެވެ.
މަހްލޫފް ކުރެއްވި ތިން ސުވާލަށްވެސް ނިހާން ވަނީ ޓްވިޓާގައި ޖަވާބު ދެއްވާފައެވެ. މަހްލޫފް ނިހާންއަށް ކުރެއްވި ސުވާލުތަކާއެކު ނިހާން ޖަވާބު ދެއްވަމުން ވިދާޅުވީ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އިންތިޚާބުގެ ވޯޓުލުން އޮންނާނެ ކަމަށެވެ. މަހްލޫފްގެ ދެވަނަ ސުވާލުގެ ޖަވާބުގައި ނިހާން ވިދާޅުވީ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.
މަހްލޫފްގެ ތިންވަނަ ސުވާލުގެ ޖަވާބުގައި ނިހާން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންވެފައިވާ ފަދަ މިނިވަން އިންސާފުވެރިކަން އިލެކްޝަން ކޮމިޝަނުން ގެންގުޅޭނެ ކަމަށެވެ.