އައިރަނާސް ގެ މެރެތަން ވޯޑިއަން ކާމިޔާބު ކޮށްފި

އައި ރަނާސްގެ ފަރާތުން އައްޑޫ ސިޓީގައި ބޭއްވި "އައްޑޫ މެރަތަން" ނިންމާލައިފިއެވެ.

މިއީ އައިރަނާސް އިން އައްޑޫގައި ބޭއްވި ދެވަނަ މެރެތަންއެވެ. ބުރާސްފަތު ދުވަހުގެ ރޭ ދަންވަރު ފެށި މުޅިމެރެތަން އިން އެއްވަނަ ހޯދައިފައިވަނީ އެމެރިކާގެ އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަންއެވެ. އޭނާ ދުވުން ފުރިހަމަ ކޮށްފައިވަނީ 2 ގަޑި 42 މިނެޓުންނެވެ.

ފުލް މެރެތަންގައި 12 މީހުން ދުވެފައިވެއެވެ. އޭގެ ތެރެއިން 2 ވަނަ ހޯދާފައިވަނީ ރާއްޖޭގެ މެރަތަނާ ނައުފަލް އީސާއެވެ. ތިންވަނަ ހޯދީ އަހުމަދު ޖަވާދެވެ.

އަންހެނުންގެ މެރަތަން ކާމިޔާބުކޮށްފައިވަނީ ރާއްޖޭގެ އަންހެން މެރަތަން ޗެމްޕިއަން މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މަރީ ދުވުން ފުރިހަމަކޮށްފައިވަނީ 3:38:09 ގަޑިންނެވެ. ދެވަނަ ހޯދީ އައިޝަތު އިންތި އެވެ. ތިން ވަނަ ހޯދީ ޒާހިރާ މިޓްރާ ޒުބައިރެވެ.

ހާފް މެރަތަންގެ ފިރިހެނުންގެ ބައިން އެއްވަނަ ހޯދީ އެރޯލް ޗެންއެވެ. ދެވަނަ ހޯދީ އަހުމަދު ނިޒާމެވެ. ތިން ވަނަ ހޯދާފައިވަނީ ހައްމާދު ޝަފީގުއެވެ.

ހާފް މެރަތަންގެ އަންހެން އެއްވަނަ ހޯދީ ހުސްނާ މުހައްމަދެވެ. ދެވަނަ ހޯދީ ފާތުމަތު މުހައްމަދު މަނިކެވެ. ތިން ވަނަ ހޯދީ ވަފިއްޔާ ހުސެއިންއެވެ. މީގެ އިތުރަށް 10 ކިލޯ މީޓަރު، 5 ކިލޯ މީޓަރު ގެ ބައިން އަންހެން ފިރިހެން ވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވައިފައެވެ. އަދި ކުޑަ ކުދިންގެ ތެރެއިން ވެސް ވަނީ ވަނަތައް ހޮވައި އިނާމް ދީފައެވެ.

މި މެރެތަންގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް މިހުންގެ ބައެއްކަހަލަ ހިތްހަމަ ނުޖެހުންތައް ހުއްޓަސް ހުރިހާ ކަމެއްދިޔައީ ވަރަށް ރަނގަޅަށެވެ. ބައެއް މީހުން ބުނެފައިވަނީ ހުރިހާ އެހީތެރިކަމަކާއި ސަމާލު ކަމެއް އިންތިޒާމްކުރި ފަރާތުން ދީފައިވަނީ ދުވުމުގައި ބައިވެރި ކުރުމަށް ގެނައި އެމެރިކާ މީހާއަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.