ހިތަދޫގެ ފުލެޓް އަންނަ މަހު ދޫކުރަނީ، ލިސްޓުވަނީ ފައިނަލް ކޮށްފައި

އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ ފުލެޓްތައް ޖުލައި 26 ގެ ކުރިން ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވީ ހިތަދޫއިން ފުލެޓު ލިބޭ މީހުންގެ ލިސްޓުވެސް މިހާރުވަނީ ފައިނަލްވެފައެވެ. "ފުލެޓް ލިބޭ މީހުންގެ ލިސްޓުވެސް މިހާރުވަނީ ފައިނަލްވެ ނިމިފައި. ލިސްޓު އޮތީ ހައުސިން މިނިސްޓްރީގައި. ދެންޖެހޭނީ ހަމަ އިއުލާން ކޮށްލައްވަން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޖުލައި 26 ގެ ކުރިން ހައްގުވެރިންނަށް ފުލިޓު ހަވާލުކުރެވޭ،" ޒުހައިރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އއްޑޫގައި 312 ފުލެޓް އިމާރާތް ކުރައްވައިފައެވެ.

އޭގެ ތެރެއިން ހިތަދޫގައިވަނީ 264 ފުލެޓް އިމާރާތް ކޮށްފައެވެ. 48 ފުލެޓެއް ވަނީ ހުޅުމީދޫގައި އަޅައިފައެވެ. ހައުސިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ ހިތަދޫ ފުލެޓުތަކަށް އެދި 585 މީހުން ކުރިމަތި ލައިފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ ފުލެޓުތައް ހަވާލު ކުރުން ލަސްވަމުން ދިޔައީ އެތަންތަނަށް ބޭނުންވާ ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތްކުރަމުންދާތީ ކަމަށެވެ. އެ މަސައްކަތް ބާރު ސްޕީޑުގައި ގޮސް ދެން ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.