ޖެމްގެ ބަންގި މުބާރާތާއި ޚުތުބާ މުބާރާތް މައިޝަން އާއި އަމާން އަށް

ކޮޅުމަޑުލު ގުރައިދޫ އެންޑޯމެންޓް މޫވްމެންޓް ( ޖެމް ) އިން އިންތިޒާމް ކޮށްގެން މިދިޔަ ރޯދަމަހު ބޭއްވި 4 މުބާރާތެއްގެ ނަތީޖާ ފާޅުކޮށް ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ.

ޖެމް އިން ރޯދަމަހު ބޭއްވި 4 މުބާރާތަކީ ބަންގި ގޮވުން، ޚުތުބާ ކިޔުން، މަދަހަ ކިޔުން، ގުރުއާން ކިޔެވުމެވެ. ބަންގި ގޮވުމުގެ މުޅި މުބާރާތުން އެއްވަނަ ހޯދައިގެން އަލިގަދަ ތަރީގެ މަގާމް ހާސިލްކުރީ އަބުދުﷲ މައިޝަން ހަސަނެވެ. ޚުތުބާ ކިއުމުގެ ބައިން އެއްވަނަ ހޯދައި އަލިގަދަ ތަރީގެ މަގާމް ހޯދީ މުހައްމަދު އަމާން އެވެ.

ޤުރުއާން ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރި ނުވަތަ އެއްވަނަ ހޯދީ އާން އަލީޝާ ޝާފިއު އެވެ. މަދަހަ ކިއުމުގެ ބައިން މުޅި މުބާރާތުގެ އަލިގަދަ ތަރި ނުވަތަ އެއްވަނީ ހާސިލް ކުރީ އާއިޝަތު އަފުނާނެވެ. އޭނާއަކީ ވޭތުވެދިޔަ 3 އަހަރު ވެސް މަދަހަ ކިއުމުގެ ބައިން އަލިގަދަ ތަރީގެ މަގާމް ހާސިލް ކުރި ފަރާތެވެ.

ވަނަތައް ހޯދި ފަރާތްތަކަށް އިނާމްތައް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހުމާން ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒެވެ.

މިއިން ކޮންމެ މުބާރާތެއްގެ ވެސް ކޮންމެ އުމުރު  ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވައިފައެވެ. އަދި އެވަނަތަކަށްވަނީ ޓްރޮފީ އާއި ހަނދާނީ ލިއުން ދީފައެވެ. ކޮންމެ މުބާރާތެއްގެ ހުރިހާ ގޮތަކުން 1 ވަނަ އަށް އައި ފަރާތް (އެންމެ އަލިގަދަ ތަރި) އަށް ވަނީ ފައިސާގެ އިނާމާއި ޓްރޮފީ، ހަނދާނީ ލިއުން ދީފައެވެ.

މި މުބާރާތްތައް ޚާއްސަ ކުރި އުމުރުފުރާ ތަކަކީ 4 އަހަރުންދަށް، 6 އަހަރުންދަށް، 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، އަހަރުންދަށް، 19 އަހަރުންދަށް، 21 އަހަރުންދަށް، 21 އަހަރުން މައްޗެވެ.

މުބާރާތް ތަކަށް އިނާމު ހުށަހަޅުއްވައިފައިވަނީ، ބޭންކް އޮފް މޯލްޑިވްސް (ގުރައިދޫ ބްރާންޗް) އިސްލާމިކް އެސޯސިއޭޝަން އޮފް (ތ. ގުރައިދޫ) އަދި އަމިއްލަ ފަރާތްތަކުންނެވެ.

ޖެމްގެ ސެކްރެޓަރީ އަސްލަމް އަހްމަދުމަނިކު  ވިދާޅުވީ "މުބާރާތް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ، ފައިސާގެ ދަތިކަން. ފައިސާގެ އެހީ ލިބިއްޖެ ނަމަ މި މުބާރާތް މިއަށްވުރެ ކާމިޔާބު ކަމާއެކު ބޭއްވޭނެ. މުބާރާތައް މީހުންދޭ އަހަންމިއްޔަތު ކަންވެސް ބޮޑުވާނެ،" ކަމަށެވެ.

މިފަދަ މުބާރާތްތައް ރޯދަމަހު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި އިސްލާމީ ބިންގާ ވަރުގަދަކޮށް، ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި އިސްލާމީ ސަޤާފަތް ދެމެހެއްޓުމަށް ބާރުއެޅުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މިއީ އެރަށުގައި ބޭއްވި މީގެ ތިންވަނަ މުބާރާތެވެ. މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވި މުބާރާތުގައި ޖުމްލަ 235 ފަރާތަކުން ބައިވެރި ވިއެވެ. "މި މުބާރާތަށް ރަށުގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބޭ،" ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި މުބާރާތް ފެށީ ޖޫންމަހު 4 ވަނަ ދުވަހުއެވެ. ނިމުނީ ޖޫން 11 ވަނަ ދުވަހުއެވެ. ނަތީޖާ ފާޅުކޮށް އިނާމް ދިނީ 25 ޖޫން ގައެވެ.

މި މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި އަންނަ އަހަރުން ފެށިގެން މުއައްސަސާތަކަށާއި، އާމުންނަށް ގްރޫޕް މަދަހަ ކިޔުމުގެ ފުރުސަތު ހުޅުވައިލައްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޖެމް އަކީ 1990 ވަނަ އަހަރުގައި އުފެދި ހަރަކާތްތެރި ވަމުން އަންނަ ޖަމިއްޔާއެކެވެ. ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 1990 ވަނަ އަހަރު އޮކްޓޯބަރ  28 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.