މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އިންޑިއާ އަސްކަރިއްޔާއާ ދެމެދު ބާއްވާ ތިންވަނަ ޑިފެންސް ސްޓާފް ޓޯކްސް މިއަދު ބާއްވައިފިއެވެ.
ކޯސްޓްގާޑު ބިލްޑިންގގައި މިއަދު ބޭއްވި، ޑިފެންސް ސްޓާފް ޓޯކްސްގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެޑްކްއޯޓަރޒް އިންޓަގްރޭޓެޑް ޑިފެންސް ސްޓާފްގެ ރިއަރ އެޑްމިރަލް އެމްޑީ. ސުރޭޝް ކަމަށް އެމްއެންޑީއެފުން ވަނީވިދާޅުވެފައެވެ.
މި ސްޓާފް ޓޯކްސްއަކީ ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ދެ ޤައުމުން ގުޅިގެން ހިންގާ ތަމްރީނުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ. މީގެ ކުރީ އަހަރުތަކުގައި، ދެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ދެފަހަރެއްގެ މަތިން މި ބައްދަލުވުންތަކުގެ ސިލްސިލާތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ޖެނެރަލް އޮފިސަރުން ހިމެނޭހެން މަތީ ފެންވަރުގެ ވަފުދެއް ވަނީ ބައިވެރިވެޑައިގެންފައެވެ.