
ޒުވާނުންނަށް ތަޢުލީމާއި ތަމްރީންދިނުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތަފާތު ސްކީމްތަކާއި ޕްރޮގްރާމްތައް ތަޢާރަފްކޮށް ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި މަތީތަޢުލީމަށް ކިޔެވުމުގެ 10 ހާހަށްވުރެ ގިނަ ފުރުސަތު ސަރުކާރުންވަނީ ހުޅުވާލައިފައި ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯންގެ ފުރުސަތާއި، ސަރުކާރާއި ބޭރުގެ ފަރާތްތަކުން ދީފައިވާ ސްކޮލަރޝިޕްތަކެވެ.
ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2013 ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް ޖުމްލަ 5902 ލޯންގެ ފުރުސަތު ވަނީ ދީފައެވެ.
އެމުއްދަތުގައި ޖުމްލަ 4159 ސްކޮލަރޝިޕްގެ ފުރުސަތު ވެސް ވަނީ ދީފައެވެ. އޭގެ ތެރެއިން 2369 ފުރުސަތަކީ ދިވެހި ސަރުކާރުން ހުޅުވާލެއްވި ފުރުސަތުތަކެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަނެއް 1826 ފުރުސަތަކީ ބޭރުގެ އެކިއެކި ގައުމުތަކުން ރާއްޖެއަށް ދީފައިހުރި ސްކޮލަރޝިޕްތައް ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާއި މަޝްވަރާކުރެވި ގިނަ ތަންތަނާއިއެކު މިހާރުވެސް އެއްބަސްވުންތަކުގައި މިހާރުވެސް ވަނީ ސޮއި ކުރައްވައިފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ޔުނިވަރސިޓީތަކާއިއެކު މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.