ރަސްފަންނު އަލުން ހުޅުވައިފި

Rasfannu

rasfannu

މާލޭގެ ހުޅަނގު ފަރާތުގައި އަލަށް ހަދާފައިވާ ރަސްފަންނަށް މޫދަށް އެރުން މަނާކޮށްފައި އޮތުމަށްފަހު، އަލުން އެތަން ހުޅުވައިފިއެވެ.
ރަސްފަންނު ވަގުތީގޮތުން ބަންދުކުރީ، ވެސްޓްޕާކާ އެމްޕީއެލް ސަރަހައްދާއި ދިމާލު މޫދުގައި އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެސަރައްދަށް ނަޖިހުގެ އަސަރު ކުރުމާ ގުޅިގެންނެވެ. މިދިޔަމަހުގެ 20 ވަނަދުވަހުން ފެށިގެން މިއަދާހަމައަށް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު އެތަން ހުޅުވީ އެތަނުގެ މޫދުގެ ލޮނުގަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުއެވެ. އަލުން މިއަދު ހުޅުވިއިރު، ރަސްފަންނަށް މޫދަށް އެރި އުޅެން ސިއްހީ ގޮތުން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
ރަސްފަންނު އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުވަނީ މޫދަށް އެރިވަޑައިގަތެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ރަސްފަންނު ބަންދުކުރަންޖެހޭ ފަދަ މައްސަލައެއް ދެން ދިމާނުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމަށްޓަކައި އަޅުއްވަން ޖެހޭ ފިޔަވަޅު ހައުސިން މިނިސްޓްރީން އަޅުއްވާނެކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އިތުރަށް ދިމާނުވެ، ރަސްފަންނަކީ އަނެއްކާވެސް ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ، ދިވެހިންގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް ފައިދާކުރާނެ ކަމަކަށް ވާނެ ކަމަށް،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.