އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނުމަކީ ކޯޓުގެ ޙުރުމަތް ކަނޑާލުން- ގާސިމް

އެމަނިކުފާނަކީ ފިލައިގެން އުޅޭ ބޭފުޅެއްކަމަށް ބުނެ، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން މަސައްކަތް ކުރުމަކީ ކޯޓުގެ ޙުރުމަތް ކަނޑާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފުލުހުން ގާސިމަށް އެންގި އެންގުމާއި ގުޅިގެން ޖަރުމަނު ވިލާތުގައި ހުންނަވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި ޖަރުމަނުގައި ހުންނެވީ ބޭސްފަރުވާގައި ކަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އާލާސްކަންފުޅަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއް އެބައޮތް ކަމަށެވެ.

"އެއަމުރުގައިވާ ފަދައިން ބޭސްފަރުވާގައި އަޅުގަނޑު ހުއްޓައި، އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަޅުގަނޑު ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އަޅުގަނޑު ދެކެމެވެ. ގާނޫނު ނަންބަރު 22/2010ގެ 77 ބައްލަވާލެއްވުމަށް އެދެމެވެ." ގާސިމް ވިދާޅުވިއެވެ.

ޖަލު ޙުކުމެއް ގާސިމްގެ މައްޗަށް ކޮށްފައިވާއިރު އެމަނިކުފާނު ހިތްޕުޅުގެ އާލާސް ކަންފުޅަކަށް ބޭސްފަރުވާ ކުރައްވަން ސަރުކާރުން ފޮނުވީ ސިންގަޕޫރަށެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރު ކުރީކޮޅު ސިންގަޕޫރަށް ވަޑައިގެން ހިތްޕުޅުގެ އޮޕަރޭޝަނެއްވެސް ކުރެއްވިއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ގާސިމް ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. ޖަރުމަނަށް ގާސިމް ވަޑައިގެންނެވީ ޕާސްޕޯޓުވެސް އަދި ޓްރެވަލް ޑޮކިއުމެންޓެއްވެސް ނެތި، ޖަރުމަނު ސަރުކާރުގެ އެހީތެރިކަމާއެކުއެވެ. އެއަށް ފަހު ޖަރުމަނުގެ ޙިމާޔަތުގައި ގާސިމް މިހާތަނަށް ހުންނެވީ އެގައުމުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.