މާލޭގެ ބައެއް ގޭގެއިން ފެންކެނޑިއްޖެ

img01

އެމް.ޑަބްލިއު.އެސްސީގެ ބޯހޯލް, އަދި ޑިސްޓްރްބިއުޝަން ޕަމްޕުތަކުން ކަރަންޓު ދިއުމާގުޅިގެން މާލޭގެ ގޭގެއަށް ފޯރުކޮށްދެމުން ދިޔަ ފެނުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

އިއްޔެ އިން ފެށިގެން މާލޭގެ ބައެއް ގޭގެއަށް ފެންލިބުމުގައިވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޚާއްސަކޮށް މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނަކަށް ފެނެއް ނުލިބއެވެ.

މިއަދު ހެނދުނު ބައެއް ގޭގެއިން މުޅިން ފެންކެނޑި ގިނަބަޔަކުވަނީ ފެނުގެ ޚިދުމަތުން މަޙުރޫމްވެފައެވެ. އޮފީސްތަކަށް ދާމީހުންނާއި, ސްކޫލްކުދިންނަށް މިކަމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މިކަމާގުޅިގެން މިއަދު ހެނދުނު އެމް.ޑަބްލިއު.އެސްސީން ނެރުނު ކުއްލި ބަޔާނެއްގައިވަނީ ސްޓެލްކޯއިން އެކުންފުންޏަށް ދެމުންދިޔަ ކަރަންޓު, އިއްޔެ މެދުކެނޑުމާގުޅިގެން އެކުންފުނިން ފެންފޯރުކޮށްދޭ, ބޯހޯލް, އަދި ޑިސްޓްރްބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ.

" މިކަމުގެ ސަބަބުން ފެނުގެ ނެޓުވޯކުގައި ޕްރެޝަރުދަށްވެ, މާލޭގެ ބައެއް ޢިމާރާތްތަކުގެ 3 ވަނަ ފަންގިފިލާއިން މަތީގެ ގޭބިސީތަކަށް, ފެން ނުލިބުމަކީ އެކަށީގެންވާކަމެކެވެ. ވީ އެންމެ އަވަސް ފުރުސަތެއްގައި މިކަން ޙައްލުކުރުމަށް މިކުންފުނިން މިގެންދަނީ މަސައްކަތް ކުރަމުންނެވެ." އެމް.ޑަބްލިއު.އެސްސީގެ ބަޔާނުގައި ވެއެވެ.

މިދަނޑިވަޅުގައި ފެން ބޭނުންކުރުން ވީހާވެސް މަދުކުރުމަކީ އެކުންފުނީގެ އެދުމެއްކަމަށާ, މިކަމުގެ ސަބަބުން ޢާއްމުރައްޔިތުން އުފަންޖެހިފައިވާ ތަކުލީފާމެދު އެމް.ޑަބްލިއު.އެސްސީން ނިހާޔަތަށް މަޢާފަށް އެދޭކަމަށް އެކުންފުނީގެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.