ގުރައިދޫ ބަނދަރު ހުޅުވައި ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވައިފި

މާލެއަތޮޅު ގުރައިދޫގައި ސަރުކާރުން ހައްދަވައި ދެއްވައިފައިވާ ބަނދަރާއި ގާއިމް ކޮށްދެއްވައިފައިވާ ފެނުގެ ނިޒާމް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ދެމަޝްރޫއުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހަވީރު މާލެ އަތޮޅު މާފުއްޓަށް ވަޑައިގެންނެވެ.

ގުރައިދޫ ބަނދަރު ހުޅުވުމާއި އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ގުރައިދޫ ބަނދަރު ސަރަޙައްދުގައެވެ. ގުރައިދޫ ބަނދަރަކީ 800 ފޫޓު ދިގު، އަދި 450 ފޫޓު ފުޅާ ބަނދަރެކެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވި ބޯފެނުގެ ނިޒާމާއެކު 30 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 60 ޓަނުގެ ފެން އުފެއްދޭނެއެވެ. މިއީ ސަރުކާރުން 25 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމް ކުރައްވައިފައިވާ ނިޒާމެކެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި ގުރައިދޫ ބަނދަރަކީ ހަދައިފައިވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. މިއީ 45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދައިފައިވާ ބަނދަރެކެވެ. އެއީ 281 މީޓަރު ދިގު 142 މީޓަރު ފުޅާ މި ބަނދަރަކެވެ. ބަނދަރުގައިވަނީ ބޮޑުހިލަ ޖަހައިގެން 88 މީޓަރުގެ ރިވެޓްމެންޓެއްވެސް ގާއިމްކޮށްފައެވެ. އަދި ބޮޑުހިލަ ޖަހައިގެންވަނީ 277 މީޓަރުގެ ބޭރުތޮއްޓާއި، 287 މީޓަރުގެ އެއްގަމު ތޮށި ވެސް ވަނީ ގާއިމްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން މިއަދު މެންދުރު މާފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.