ހޯމް މިނިސްޓްރީން ނަސީމަށް- ޗައިނާއާ ގުޅުވައިގެން ނަސީމު ހެދީ ދޮގު

ކުރީގެ ފޮރިން މިނިސްޓަރ މަސްއޮޑި އަޙްމަދު ނަސީމު އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓވިއުއެއްގައި ޗައިނާއާ ރާއްޖެއާ ގުޅުވައިގެން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަސީމު ވިދާޅުވީ "ޗައިނާއިން ހިފާފައިވާ" ރާއްޖޭގެ ރަށްތައް ކުރިޔަށް އޮތްތަނުގައި ޗައިނާގެ އަސްކަރީ މަރުކަޒު ތަކަކަށް ބަދަލު ކޮށްފާނެ ކަމަށެވެ. ނަސީމު ވިދާޅުވެފައި ވަނީ ޗައިނާއިން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް "ބިންތައް ހިފަމުން" ކަމަށާއި، އެގޮތުން މިހާތަނަށް ޗައިނާއިން ރާއްޖޭގެ ސޯޅަ ރަށް "ހިފައިފި" ކަމަށެވެ.

"އެރަށްތައް ޗައިނާގެ އަސްކަރީ ބޭސް ތަކަކަށް ބަދަލު ކުރުން އެކަށީގެންވޭ، އެއީ އިންޑިއާ ކަނޑުގެ ސަލާމަތައް އޮތް ނުރައްކަލެއް، އެއީ އިންޑިއާގެ ސަލާމަތައް އޮތް ނުރައްކަލެއް" ނަސީމު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ނަސީމު ވިދާޅުވީ ރާއްޖެއިން އިންޑިޔާއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް އޮތް އަތޮޅު ތަކުގައި ޗައިނާ މީހުން މިހާރުވެސް އެބަތިބި ކަމަށާއި، ރާއްޖޭގެ ސަރުކާރުން ހެލިކޮޕްޓަރުތައް އިންޑިޔާއަށް ފޮނުވާލަން އުޅެނީވެސް ޗައިނާއިން އެގޮތަށް ބޭނުން ވެގެން ކަމަށް ނަސީމު ވިދާޅުވިއެވެ.

ނަސީމުގެ މި ވާހަކަފުޅުތަކަށް ރައްދުދީ ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަސީމުގެ ވާހަކަފުޅުތަކަކީ ދޮގެއް ކަމަށާއި އެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ނަސީމުގެ އެ ވާހަކަތަކަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ބޭރުގައުމުތަކުގެ މީހުންގެ ހިތުގައި ރާއްޖެއާމެދު ނަފްރަތު އުފެއްދެވުމަށް ދެއްކެވި އަދި މުޅި ރާއްޖެ ބަދުނާމު ކުރުމަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި، އަދި އަވައްޓެރި ގައުމަކަށް ނުރައްކާވާފަދަ ކަމެއްވެސް ރާއްޖެއިން ނުކުރާނެ ކަމަށެވެ. އަދި ރާއްޖެ ބަދުނާމުކޮށް، ހަގީގަތާއި ޚިލާފު ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.