ރައްޔިތުންނަށް އިތުރު ޚިދުމަތް ކޮށްދެއްވަން ރައީސަށް ފުރުސަތު ދެއްވާ: ޑރ. މުއިއްޒު

ރައްޔިތުންނަށް އިތުރު ޚިދުމަތް ކޮށްދެއްވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެއްވުމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ރައްޔިތުންގެ ކިބައިން މިކަމަށް އެދި ވަޑައިގެންނެވީ ކ. ތުލުސްދޫ ބަނދަރު ހުޅުވައި ދެއްވުމަށްޓަކައި އެރަށުގައި މިއަދު ބޭއްވީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް ބޭނުންވާ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެކަންކަން ނުވަތަ ޚިދުމަތް އިތުރަށް ކޮށްދެއްވުމުގެ ފުރުސަތު ރައްޔިތުން އެމަނިކުފާނަށް ދެއްވަންޖެހޭ ކަމަށެވެ.

"ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އަހަރުތަކަކަށް ތިޔަބޭފުޅުންނަށް ޚިދުމަތް ކޮށްދެއްވުމުގެ ފުރުސަތު އެމަނިކުފާނަށް (ރައީސް ޔާމީނަށް) ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް. މުޅިގައުމުގެ ހުރިހާ ރައްޔިތުން އެބަޖެހޭ މިކަމުގައި މި ވިސްނުން ގެންގުޅެން،" މިނިސްޓަރ ވިދާޅުވިއެވެ.

ތުލުސްދޫގެ ބަނދަރު ހަދައިފައިވަނީ ސަރުކާރުން އެރަށުގައި ހިއްކައިފައިވާ ބިންހިމެނޭ ސަރަހައްދުގައެވެ. ސަރުކާރުން އެރަށުގައި މިހާރުވެސް 11 ވަރަކަށް މަޝްރޫއު ކުރިއަށް ގެންދެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެރަށުގައި ހިންގާ މަޝްރޫއުތަކަކީ އެރަށު މީހުން އެކަމަށްޓަކައި އެދިއެދި ތިބި ކަންކަން ކަމަށެވެ. އެރަށުގައި ކުރިއަށް ގެންދަނީ "ތިޔަބޭފުޅުން އެކަމަކަށްޓަކައި ބޭނުންފުޅުވެފައި ތިއްބެވި ކަމަކަށްވާތީ އެމަނިކުފާނު (ރައީސް ޔާމީން) ތިޔަބޭފުޅުންގެ ހައްގުގައި ތިޔަބޭފުޅުންގެ ކުރިއެރުމާއި އުފާވެރި މުސްތަގުބަލް ހޯއްދަވައި ދެއްވުމަށްޓަކައި އިޚުލާސްތެރިކަމާއެކީގައި ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް ކަމުގައި ބަލައިގަނެ މިކަމާއެކީގައި ތިބޭފުޅުން ރައީސް ޔަމީނާއެކީގައި ކުރިއަށް ވަޑައިގަންނަވަން އެބަޖެހޭ،" ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތުލުސްދޫގައި ހަދައިފައިވާ ބަނދަރަކީ ގާތްގަނޑަކަށް ސާޅީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދައިފައިވާ ބަނދަރެކެވެ. ބަނދަރުގެ ބޮޑުމިނަކީ 800 ފޫޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.