
މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރީޖުގެ ހުރިހާ ތަނބުތަކެއް ޖުލައި 9 ގައި ގުޅުވައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މައި ދެތަނބު ގުޅުވައިލުމުގެ މަސައްކަތް މިއަދު ކުރިއަށްދާ ކަމަށެވެ.
ހުރިހާ ތަނބުތަކެއް ގުޅުވައިލުމަށްފަހު މާލެއާއި ހުޅުލެއާ އެއްކޮށް އިރާދަކުރެއްވިއްޔާ އަންނަ ޖުލައި 9 ވަނަ ދުވަހު ގުޅުވައިލެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
މި މަސައްކަތަކީ ބްރިޖުގެ އެންމެ ބުރަ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. ހުރިހާ ތަނބުތައް ގުޅުވުމަށްފަހު ދެން އޮންނާނީ ބްރިޖުގެ އެންމެފަހުގެ ބައިތައް ނިންމުމުގެ މަސައްކަތް (ފިނިޝިން) ތަކެވެ. އެއްބަސްވެފައިވާ ގޮތަށް ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވެއެވެ.
ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކުރީޓް މަސައްކަތާއި މާލޭ ކޮޅުން ބުރިޖުގެ އައި-ބީމްގެ 480 މީޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައެވެ.
މިއީ 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާ ބްރިޖެކެވެ. ދިގުމިނަކީ 1.39 ކިލޯ މީޓަރެވެ. ފުޅާ މިނަކީ 20 މީޓަރު ހުރެއެވެ.