
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އަމިއްލަފުޅަށް ކެމްޕޭން ކުރެއްވޭނަމަ އެފުރުޞަތު ޖުމްހޫރީ ޕާޓީއަށްވެސް އޮންނަންޖެހޭނެ ކަމަށް ޖޭޕީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ދާދިފަހުން ޖޭޕީގެ ކޯލިޝަނެއްގައި އޮންނާނެ ކަމަށް ލަފާކުރައްވާ ހިޔަނި ކެބިނެޓެއް އިއުލާނު ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޑރ ޖަމީލް ވިދާޅުވީ ވަކިވަކިން ކެމްޕޭން ކުރުމާމެދު ގުޅިފައިވާ ކޯލިޝަނުން ގޮތެއް ނިންމާފައި ނެތް ކަމަށާއި އެހެންވެ ރައީސް ނަޝީދުވެސް އަމިއްލަފުޅަށް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވާނަމަ ޖޭޕީގެ އަމިއްލަ ކެމްޕޭނަށްވެސް ޖާގަދޭން ޖެހޭނެ ކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ ޕާޓީތަކުން ވަކިވަކިން ކެމްޕޭނުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުން އުޅެނީ އެއްކަމެއް ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކުރަން ބޭނުން، އެންމެންވެސް އެ މަންޒިލަށް މަސައްކަތް މިކުރަނީ" ޑރ ޖަމީލް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ޚިޔާލު ތަފާތުވުން ތަކެއް އުޅޭއިރު ޖޭޕީގެ ކޮންގްރެސް މިއަދު ޕެރަޑައިސް އައިލެންޑު ރިސޯޓުގައި ކުރިޔަށްދާއިރު އެމްޑީޕީގެ ކޮންގްރެސްވެސް އއ. އުކުޅަހުގައި ވަރަށް އަވަހަށް ބޭއްވުމަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ދެޕާޓީގެ ކޮންގްރެސްއަށް ފަހު ސިޔާސީ އިތުރު ހަރަކާތްތަކެއް ފެންނާނެ ކަމަށް ދެޕާޓީންވެސް ވަނީ ބުނެފައެވެ.