މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެ އައުމުގެ ދައުވަތު ބޭރުގެ 7 ގައުމަކާއި ބައިނަލް އަގްވާމީ ތިން ޖަމްއިއްޔާއަށް އިލެކްޝަން ކޮމިޝަނުން ދީފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ރާއްޖެ އައުމުގެ ދައުވަތު ފޮނުވި ބޭރުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭނީ އެކި ސަރަހައްދު ތަކުގެ ގައުމުތައް ކަމަށެވެ. އެގޮތުން ކޮމިޝަނުން ދައުވަތު ފޮނުވާފައި ވަނީ ޔޫރަޕްގެ ދެގައުމަކާއި، އޭޝިޔާ ޕެސިފިކްގައި ހިމެނޭ ދެގައުމެއްގެ އިތުރުން އަރަބި އެއްގައުމާއި ރާއްޖެ ހިމެނޭ ސާކުން ދެގައުމަކަށެވެ. ނަމަވެސް ދައުވަތު ދީފައިވާ ގައުމުތަކުގެ ނަން އިލެކްޝަން ކޮމިޝަނުން އަދި އާންމު ނުކުރެއެވެ.
އިންތިޚާބު އޮބްޒާވް ކުރަން ރާއްޖެ އައުމުގެ ދައުވަތު ކޮމިޝަނުން ދައުވަތު ދީފައި ވަނީ ބައިނަލް އަގްވާމީ ތިން ޖަމްއިއްޔާއަށް ނަމަވެސް އެ ޖަމްއިއްޔާ ތަކުގެ ނަމެއްވެސް އަދި ކޮމިޝަނުން އާންމު ނުކުރެއެވެ. ކޮމިޝަނުން ބުނީ ދައުވަތު ފޮނުވަނީ އެކޮމިޝަނުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި މިހާތަނަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިޚާބަށް ވެގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް ވަނީ ވިދާޅުވެފައެވެ.