ޖޭޕީގެ ނައިބު ރައީސް ކަމަށް ޑރ މައުސޫމް ކުރިމަތި ލައްވައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ޑރ އަބްދުﷲ މައުސޫމް ކުރިމަތި ލައްވައިފިއެވެ.

ޖޭޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވިކަން ޑރ މައުސޫމްވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ފަހު މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ޕާޓީގެ އެހެން މެމްބަރުންނާއެކު "ޖޯޝުގައި މަސައްކަތް ކުރަމުންދާނަން" ކަމަށެވެ. އަދި ކުރިޔަށް އޮތް ޖޭޕީގެ ކޮންގްރެސްގައި ނައިބު ރައީސް ކަމަށް ޑރ މައުސޫމް އިންތިޚާބު ކޮށްދެއްވުމަށް ތާއީދު ކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

ކުރިން ޓޫރިޒަމް މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޑރ މައުސޫމް ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެއަށް ފަހު ޖޭޕީއަށް ވަޑައިގެންނެވި ފަހުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ ރިސޯޓެއް ހިންގަވަންވެސް އުޅުއްވިއެވެ. ނަމަވެސް މިހާރު ޑރ މައުސޫމް ވަނީ ރިސޯޓު ވަޒީފާ ދޫކުރައްވައި ޖޭޕީގެ ސިޔާސީ ހަރަކާތްތަކަށް ވަޑައިގެންފައެވެ.

ޖޭޕީގެ ނައިބު ރައީސް ކަމަށް ޑރ މައުސޫމް ކުރިމަތިލެއްވިއިރު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ ދާދިފަހުން ޖޭޕީއަށް ސޮއި ކުރެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަޙީދެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.