ޖުމްހޫރީ ކޯލިޝަން އުފައްދައި އެކޯލިޝަންގެ ހިޔަނި ކެބިނެޓް މިއަދު އިއުލާން ކުރެއްވިއިރު ލޭބަރ މިނިސްޓަރަކަށް ހަމަޖައްސަވައިފައިވަނީ ޖުމްހޫރީޕާޓިގެ ޑެޕިޔުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން (އޭކޭ) އެވެ.
އެހެންނަމަވެސް އެމަގާމު ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނުވަނީ ޓްވީޓަރ މެދުވެރިކޮށް ގާސިމް އިބްރާހީމަށާއި ޖޭޕީގެ ސެކްރެޓޭރިއޭޓަށް އަންގަވައިފައެވެ. އޭކޭ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އަޅުގަނޑު މިއީ އަޅުގަނޑު ކައިރީ ނާހައި އަޅުގަނޑާ ހަވާލުކުރާ މަގާމް ނޫނީ ހަވާލުކުރަން އުޅޭ މަގާމް ގަބޫލުކުރާ ހިތްވާ މީހެއްނޫން،" ކަމަށެވެ.
ބައެއް މީހުން ބުނެފައިވަނީ ގާސިމް އިބްރާހީމް މިފަދަ ނިންމެވުމެއް ނިންމެވީ މަޝްވަރާ ކުރެއްވުމެއްނެތި ކަމަށެވެ. އަދި ގިނަ މީހުން ހިޔަނި ކެބިނެޓަށް ލައްވައިފައިވަނީ ވެސް ސީދާ އެމީހުންނާވެސް މަޝްވަރާ ކުރެއްވުމެއްނެތި ކަމަށް އެނގިފައިވެއެވެ. ޚުދު ގާސިމް ވެސް ވިދާޅުވެފައިވަނީ ހިޔަނި ކެބިނެޓަކީ ޖޭޕީއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ލަފާކުރައްވައި އިއުލާން ކުރެއްވި ކެބިނެޓެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު ވިދާޅުވީ އަބްދުﷲ ކަމާލުއްދީނާއި، ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫން ފަދަ ބޭފުޅުން މަގާމަތަކަށް ހަމަޖައްސަވައިފައިވަނީ ވެސް އެބޭފުޅުން އަރިހުން އެއްސެވުމަކާ ނުލައި ކަމަށެވެ. "ހިޔަނި ކެބިނެޓަށް އަބްދުﷲ ކަމާލުއްދީން އައްޔަން ކުރެއްވިކަން އެނގިވަޑައިގެންނެވުމުން އެމަނިކުފާނު ކޯފާވެ އުދާސްތައް ބަންޑުންކޮށްލި މަންޒަރު ވެސް އަޅުގަނޑު ދުށިން. އެމަނިކުފާނު ޕާޓީ ދުކޮށްލުމަކީ ވެސް އެކަށިގެންވާ ކަމެއް،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްވެސް މަޝްވަރާއެއްނެތި ގާސިމް ކުއްލިއަކަށް ނިންމެވި ނިންމެވުމުގެ ސަބަބުން ޕާޓީތެރެވެސް "ގޮވައިފައި" ކަމަށެވެ.