ވޯލްޑްކަޕް 2018 ގައި މިއަދު ކުޅުނު ފުރަތަމަ މެޗު ކޮލަމްބިއާ ބަލިކޮށް 2 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ޖަޕާނެވެ. ވޯލްޑްކަޕްގެ ތާރީޚުގައި އޭޝިއާގެ ޓީމަކާ ކުޅެ ދެކުނު އެމެރިކާގެ ޓީމެއް ބަލިވީ ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން ތިން މިނިޓެއްހައި އިރު ކުޅނުނުތަނާ ޖަޕާނަށް ޕެނަލްޓީއެއް ލިބި ލަނޑެއް ޖެހިއެވެ. މި ލަނޑު ޖެހީ ޝިންޖީ ކަގަވާ އެވެ. ޖަޕާނަށް ޕެންލަޓީ ލިބުނީ ބޯޅަ ގޯލަށް ވަނަ ނުދޭން ކޮލަމްބިއާގެ ސަންޗޭޒް ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށް ބަލައި ރެފްރީ އޭނާއަށް ރަތް ކާޑެއްވެސް ދެއްކިއެވެ. މި ރަތް ކާޑަކީ ވޯލްޑްކަޕްގެ ތާރީޚުގައި ދެވަނައަށް އެންމެ އަވަހަށް ދެއްކި ރަތް ކާޑެވެ. އެންމެ އަވަސް ކާޑަކީ މެޗުގެ ފުރަތަމަ މިނިޓުގައި ޔުރްގުއާއީގެ ހޯސޭ އަލްބާރްޓޯ ބަޓިސްޓާއަށް ދެއްކި ރަތް ކާޑެކެވެ. އެއީ 1986 ވަނަ އަހަރުއެވެ. މިއީ މި މުބާރާތުގެ ފުރަތަމަ ރަތް ކާޑުވެސް މެއެވެ.
ޖަޕާނު ލަނޑެއް ޖެހުމަށް ފަހު ކޮލަމްބިއާ ކުޅެމުން ދިޔައީ ދިހަ ކުޅުންތެރިންނާ އެކުގައެވެ. އެކަމަކު އެއް ކުޅުންތެރިއަކު މަދު ވުމުގެ ފައިދާ ޖަޕާނަކުން މާ ރަނގަޅަކަށް ނުނެގުނެވެ. ކޮލަމްބިއާ ދިޔައީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. ކުޅުންތެރިއަކު މަދުވީތަން ފޫބައްދަމުންނެވެ. ނަތީޖާއަކަށް ވީ ކޮލަމްބިއާއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. 39 ވަނަ މިނިޓުގައި ހިލޭ ޖެހުމަކުން ކޮލަމްބިއާގެ ކުއިންތޭރޯ، ޖަޕާނުން އަތުރައިލީ ދިފާޢީ ފާރުގެ ކައިރިން ތިރިން ފޮނުވައިލީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ޖަޕާނުގެ ގޯލްކީޕަރަކަށް މަތައެއް ނުކުރެވުނެވެ. އެކަމަކު ގޯލްކީޕަރު ބުނަމުން ދިޔައީ އޭނާ ބޯޅަ މަތަކުރީ ރޮނގުގެ މަތީން ކަމަށެވެ. ވީއޭއާރް ބޭނުން ކޮށްގެން ބެލިއިރު އޭނާ ގޯލުގެ ތެރެއިން ބޯޅަ ނެރުނީ ކައިވަތެއްހައިތަން އެތެރެއަށް ވަން ފަހުންނެވެ. އެކަމަކު މި ހިލޭ ޖެހުން ކޮލަމްބިއާއަށް ލިބުނު ގޮތާމެދު މެޗުގެ ކޮމެންޓޭޓަރުން ސުވާލު އުފެއްދިއެވެ. އެއީ ގަސްތުގައި ކުރި ކުށެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.
ކޮލަމްބިއާއިން ކުޅެމުން ދިޔައީ ޓީމުގެ ތަރި ރޮޑްރިގޭޒާ ނުލައެވެ. އެކަމަކު ފަހު ހާފުގައި އޭނާ އެރުވިއެވެ. 58 ވަނަ މިނިޓުގައި އޭނާ އަރުވައިގެންވެސް ކޮލަމްބިއާއަކަށް މެޗުގެ ތެރެއަކަށް މާ ބޮޑަކަށް ވަދެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ޖަޕާނުން ކުޅުނީ ކޮލަމްބިއާގައި އެއް ކުޅުންތެރިއަކު މަދުތަން ފާހަގަކޮށް އެކަމުގެ ބޭނުން ހިފަމުންނެވެ.
ޖަޕާނުން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑު ޖެހި ޝިންގީ ކަގަވާ ބާލައި އޭނާގެ ބަދަލުގައި ކެއިސުކެ ހޮންޑާ އެރުވިތާ މާ ގިނަ އިރެއް ނުވަނީހެވެ. 73 ވަނަ މިނިޓުގައި ޔުޔާ އޮސާކާ މި ލަނޑު ޖެހީ ޖަޕާނަށް ލިބުނު ކޯނަރެއް ނެގީމާ ގޯލުގެ މެދާދިމާގައި ހުރެފައި ވަރަށް ރީތިކޮށް އެއް ކަނަކަށް ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މިހައިތަނަށް މި މުބާރާތުގައި ޖެހި އެންމެ ރީތި އެއް ލަނޑެވެ.
މި މުބާރާތުގައި މިރޭ ދެން އޮންނާނީ ޕޮލަންޑާއި ސެނެގޯލް ކުޅޭ މެޗެވެ. މެޗު ފަށާނީ މާލޭ ގަޑިން އަށެއް ޖަހާއިރުއެވެ.