ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ހިމާޔަތުގައި ޔަމަނުގައި ހަނގުރާމަކާ އަރަބި ކޯލިޝަނުން ހުދައިދާ އިންޓަނޭޝަނަލް އެއާޕޯޓު ހިފައިފިކަމަށް ޔަމަނުގެ ސަރުކާރުން ބުނެފިއެވެ. ސައޫދީންނާއި ޔޫއޭއީ މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ އަރަބި ކޯލިޝަނުން ޔަމަނުގެ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ހުދައިދާގައި އޮންނަ ވައިގެ ބަނދަރު މިއަދުގެ ވަގުތެއްގައި ހިފިކަން އިއުލާންކުރީ ޔަމަނުގެ އަސްކަރިއްޔާގެ އިންފޯމޭޝަން ސެންޓަރުންނެވެ.
ހުދައިދާއަކީ އީރާނުގެ ތާއީދާއެކު ހަނގުރާމަކުރާ ޝީއީ ހޫޘީންގެ ބާރުގެ ދަށުގައި އޮތް އެންމެ ބޮޑު ރަށެވެ. އަދި ޔަމަނަށް އެތެރެވާ އެހީގެ ތަކެތި އެތެރެކުރާ މައި ބަނދަރު އޮންނަ ރަށެވެ. އެރަށުގެ ކޮންޓުރޯލު ޔަމަނުގެ ސަރުކާރަށާއި އެ ސަރުކާރަށް ތާއީދުކުރާ އަރަބި ކޯލިޝަނަށް ލިބުމަކީ ޙޫޘީން މައްޗަށް ހޯދުނު ބޮޑު ކާމިޔާބީއެކެވެ. ހުދައިދާގެ ހަނގުރާމައަކީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތިން އަހަރުގެ ތެރޭގައި ކުރެވޭ އެންމެ ބޮޑު ހަނގުރާމަ ކަމަށް ވެއެވެ.
އަސްކަރިއްޔާގެ އިންފޯމޭޝަން ސެންޓަރުން ބުނި ގޮތުގައި ހުދައިދާގެ ވައިގެ ބަނދަރުގެ މައި އިމާރާތް މިހާރުވަނީ ކޯލިޝަންގެ ބާރުގެ ދަށަށް ގެނެވިފައެވެ. އަދި "ހަތިޔާރުއެޅި ހަނގުރާމަވެރިންނާއި، މައިނާއި، ގޮވާތަކެތި އިމާރާތުގައި ނެތްކަން ކަށަވަރުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން" ކަމުގައިވެސް އެ ސެންޓަރުން ބުންޏެވެ.
އަރަބި ކޯލިޝަނުން ބުނި ގޮތުގައި ޙޫޘީންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ބަނދަރު، ހުދައިދާ އަތުލެވުމަކީ މެދު ނުކެނޑި އިންސާނީ އެހީ ޔަމަނަށް ވެއްދުމަށް ލިބޭނެ ކުރިއެރުމެކެވެ.
ނަމަވެސް، ހަނގުރާމައާއި ހަމައަށް ނުގޮސް، ވާހަކަދައްކައިގެން ހުދައިދާ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތްކުރި އދ. ން ބުނީ ހަނގުރާމަ ކުރިއަށް ދާނަމަ ޔަމަނުގެ ގިނަ ބަޔަކަށް ކާބޯތަކެތި ވަންނަ މަގު ބަންދުވެގެން ހިނގައިދާނެ ކަމުގައެވެ.
ޔަމަނަށް މިހާރުވެސް ކުރިމަތިވެފައިވަނީ އަދުގެ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއެވެ. އެގައުމުގެ 22 މީހުން ކާބޯތަކެތި ހޯދުމަށް އިންސާނީ އެހީގެ މައްޗަށް ބަރޯސާވާއިރު 8.5 މިލިއަން މީހުންނަށް ވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ.