ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ޖަލު ޙުކުމާއެކު މަންމާފުޅު ނަސްރީނާ އިބްރާހިމަށް ފުންހިތާމަފުޅެއް ލިބިވަޑައިގެންފައިވާ ކަމަށް ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި 1 އަހަރާއި 7 މަސް ދުވަހުގެ ޖަލު ޙުކުމާއެކު ކުރިން ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ މައްޗަށް އިއްވި ޖަލު ޙުކުމާއެކު މަންމާފުޅުގެ އިތުރުން ދައްތާފުޅު ޔުމްނާ މައުމޫނުވެސް ވަރަށް ބޮޑު ހިތާމަފުޅެއްގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އަދި ބައްޕާފުޅުގެ މައްޗަށް ޖަލު ޙުކުމް އިއްވުމާއެކު މުޅި އާއިލާއަށް ޝޮކެއް ލިބިފައިވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ފުލުހުންގެ ތަހްގީގަށް މައުމޫންގެ މޯބައިލް ފޯނު ނުދެއްވި ކަމުގެ ތުހުމަތުގައި އަދުލްއިންސާފު ގާއިމް ކުރުމަށް މައުމޫން ހުރަސްއެޅުއްވި ކަމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން މިއަދު ޖަލު ޙުކުމް އިއްވިއިރު މައުމޫން ވަނީ އެދައުވާއަށް އިންކާރު ކުރައްވާފައެވެ.
މައުމޫން ވިދާޅުވެފައި ވަނީ ހެކިންގެ ހެކިބަހުންވެސް ފޯނު ދެއްވަން ދެކޮޅު ހެއްދެވިކަން އެނގެން ނެތް ކަމަށާއި އަދި ފޯނަކީ އޭގެޒާތުގައި ހެއްކަކަށް ނުވާނެ ކަމަށާއި ފޯނުގައި ހެއްކެއް ހުރިކަން ޝަރީއަތުގައި ދައުލަތަށް ސާބިތުކޮށް ދެވިފައިވެސް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.