ރަޝިޔާގައި މިއަހަރު ބާއްވާ ވޯލްޑްކަޕް ލައިސަންސްއޮތް ހުރިހާ ރީބްރޯޑްކާސްޓަރުންނަށް ރާއްޖޭގައި ދެއްކޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވުމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ޕީއެސްއެމްގެ ގަވަރނިން ބޯޑުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ސޮއިކުރައްވައި ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީއެސްއެމްއިން ވަނީ ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް މީގެ ކުރިން ގަނެފައި ނުވާވަރުގެ ބޮޑު އަގެއްގައި ގަނެފައި ކަމަށެވެ. މިފަހަރުގެ ރައިޓްސް ގަނެފައިވަނީ 9.25 މިލިއަން ދިވެހި ރުފިޔާއަށެވެ. އެ އަގުގައި ރައިޓްސް ގަތުމުގެ ހުއްދަ ޕީއެސްއެމްގެ ގަވަނިން ބޯޑުންވަނީ މެނޭޖުމެންޓަށް ހުއްދަ ދެއްވައިފައި ކަމަށްވެސް އެބަޔާނުގައިވެއެވެ.
"ޕީއެސްއެމްގެ ގަވަނިން ބޯޑުން ޕީއެސްއެމްގެ މެނޭޖުމަންޓަށް ހުއްދަދިނީ ރާއްޖޭގެ ސަރަހައްދުގައި ވޯލްޑުކަޕް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް (ހުރިހާ ބްރޯޑްކާސްޓް ވަސީލަތްތަކެއް ހިމެނޭ ގޮތަށް) ހަމައެކަނި ޕީއެސްއެމްއަށް ލިބޭގޮތަށެވެ."
އެހެންނަމަވެސް ޖޫންމަހު 12 ވަނަ ދުވަހު ބްރޯޑްކޮމްއިން ބޭއްވި ނޫސްކޮންފަރެންސެއްގައި، ރާއްޖޭގައި ރީބްރޯސްޓް ކުރުމުގެ ލައިސަންސްއޮތް ހުރިހާ ފަރާތްތަކަށް މި ވޯލްޑްކަޕް ވަގުތުން ދެއްކޭނެ ކަމަށް ވިދާޅުވުމުން ހިތާމަ ކުރައްވާ ކަމަށާއި އެހެން ވިދާޅުވީ ކޮން އަސާސެއްގެ މައްޗަށް ބުރަވެތޯ ސުވާލުވެސް އުފެދޭ ކަމަށެވެ.
ޕީއެސްއެމްއާއި މިސަރަހައްދުގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސްއޮތް ކުންފުންޏާ ދެމެދު އެއްބަސްވުމެއް ވާކަމަށްވާނަމަ "ރާއްޖޭގައި ވޯލްޑްކަޕް ދެއްކޭނީ ޕީއެސްއެމްއާއި އެކުންފުނިން ހުއްދަދޭ ފަރާތްތަކަށް އެކަންޏެވެ. އެ ހުއްދައަކީ ބްރޯޑްކާސްޓިން ކޮމިޝަނަކަށްވެސް އަދި ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ދެވޭނެ ހުއްދައެއްނޫނެވެ." ޕީއެސްއެމްއިން ވިދާޅުވެފައިވެއެވެ.
ޕީއެސްއެމްގެ ގަވަނިން ބޯޑުން ހުއްދަދީފައިވާ ގޮތާ ޚިލާފަށް މެނޭޖުމެންޓުން މި ސަރަހައްދުގެ ވޯލްޑްކަޕް ރައިޓްސްއޮތް ކުންފުންޏާ އެކު އެގްރީމެންޓް ހަދައިފައިވާނަމަ އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބަލައި ޒިންމާވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އަދި ގަވަނިން ބޯޑުން ހުއްދަދީފައިވާ ގޮތަށް އެއްބަސްވުން ހަދައިފައިވާނަމަ އެ އެއްބަސްވުމާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި ބްރޯޑްކާސްޓް ކުރުމާއި އަދި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެްވެސް ފަރާތަކަށް ދިނުމަކީވެސް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ." އިބްރާހީމް އުމަރު މަނިކުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.