ދިޔަވަމުންދާ ދޯންޏަކަށް އެމްޑީއެފްއިން އެހީތެރިވާން ފަށައިފި

މުދާ ހިފައިގެން ދަތުރު ކުރަމުންދިޔަ "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް ކާށިދޫ ބޮޑުކަނޑުން ދަތުރު ކުރަމުންދަނިކޮށް ދިޔަވެ އަރިއަޅައިލައިލުމުން އެދޯންޏަށް އެހީވުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެދޯނީގައި ދަތުރުކުރަމުންދަނީ 4 މީހުންކަމަށެވެ. ދޯނި މިހާރުއޮތީ ކ. ގާފަރު ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށެވެ.

"ކާށިދޫގައި އޮތް ސީއެމްބިޔުލާންސް ދަނީ ހަރަކާތްތެރިވަމުން. އަދި ކޯސްޓްގާޑު ލޯންޗު ފާސްޓަރ އިންޓަރސެޕްޓަރ ވެލާނާ ވެސް ދަނީ އެސަރަހައްދަށް ދަތުރު ކުރަމުން،" އާޒިމް ވިދާޅުވިއެވެ.

ދިގުމިން 78 ފޫޓު ހުންނަ އެދޯނި ބަރުކޮށްފައިވަނީ ހިލައާއި ލަކުޑިންނެވެ. މާލެ އިން މުދާބަރުކޮށްގެން ދޯނި ދަތުރުކުރަމުންދިޔައީ ބ. އަތޮޅަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މިދޯނި ދިޔަވެ އަރިއަޅައިލައިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 19:45 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަނޑޫގަދަ ކަމުން އެ ދޯންޏާ ހަމައަށްދާން ވަގުތުކޮޅެއް ހޭދަވާނެ ކަމަށެވެ.

މިދޯނީގައި ތިބީ 3 ބިދޭސީންނާއި ދިވެއްސެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ދޯނު ދިޔަވަމުންދާތީ އޭގައިހުރި ބައެއް ލަކުޑު ކަނޑަށް ދޫކޮށްލާފައިވާ ކަމަށްވެސް ކެޕްޓަން އާޒީމް ވިދާޅުވިއެވެ. މިހާރުވަނީ ދިޔަވުން ކޮންޓްރޯލް ވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.