އުނގޫފާރު ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެ ދެމީހަކަށް އަނިޔާ ވެއްޖެ

ރ. އުނގޫފާރު ބަނދަރުގައިއޮތް ތެޔޮބޯޓެއްގައި ރޯވެ ދެމީހަކަށް އަނިޔާ ވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެހާދިސާގައި އަނިޔާވި ދެމީހުންނަށް މީހާރު ގެންދަނީ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:05 އެހައިކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓުގައި ރޯވި އަލިފާން އޭގެ ފަޅުވެރިންވަނީ އަލިފާން ނިވި ބޭނުން ކޮށްގެން ނިއްވާފައި ކަމަށެވެ. އަލިފާން ރޯވީ ބޯޓުގެ ޖެނެރޭޓަރުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވަނީ ވަރަށްބޮޑަށް ފިހިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑޮކްޓަރުން މިހާރު ގެންދަނީ "އޭނާ ސްޓޭބަލް" ކުރުމަށް އިމެޖެންސީ ރޫމުގައި ފަރުވާ ދެމުންނެވެ.  ސްޓޭބަލް ވުމުން އޭނާ އައިސީޔޫއަށް ލާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އޭނާއާއެކު ދެން ގެންދިޔަ މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭނާ ވާހަކަ ވެސް ދައްކާ ކަމަށް މައުމޫމާތު ވަނީ ލިބިފައެވެ. އޭނާއަށް އަނިޔާވެފައިވަނީ ތެޔޮބޯޓުން ވިއްސައިގެން އައި އެއްޗެއް އޭނާގެ ގައިގައި ޖެހިގެން ކަމަށް ވެސް ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ރައްޔިތަކަށް ކަމަށެވެ. މިހާދިސާ ހިންގަން މެދުވެރިވީ ބޯޓުގައި އެއްޗެއް ގޮވައިގެންތޯ ނުވަތަ ޖަނަރޭޓަރުގައި ރޯވެގެންތޯ އަދި ކަށަވަރު ނުވާ ކަމަށްވެސް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. "މިހާރުވެސް ގެންދަނީ ހާދިސާ ތަހުގީގު ކުރަމުން،" ފުލުހުން ވިދާޅުވިއެވެ. އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވީ މި ހާދިސާގައި ދެމީހަކަށް ފަރުވާދެމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.